ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ނަޝީދަށާއި އަޙްމަދު އަބްދުﷲ އަށް

މޯލްޑިވްސް މީޑިޔާ ކައުންސިލުން ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ޖަލްސާގައި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދަށާއި ކުރީގެ މިނިސްޓަރު އަޙްމަދު އަބްދުﷲ އަށް ލިބިވަޑައިގެންފިއެވެ.
ދިވެހި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މިދެބޭފުޅުންނަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން މިފަހަރު މި ލިބިވަޑައިގަތީ އެންމެ ފަހުން އޮތް އިނާމުގެ ދިނުމުގެ ރަސްމިއްޔާތުގައި އެ ދެބޭފުޅުންނަށް އެ އިނާމު ލިބިވަޑައި ނުގަތުމުން ގިނަބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދަކީ ދިވެހި ނޫސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވި، އަދި ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމް ކުރެއްވުމަށް ވަރަށް އުނދަގޫ ދުވަސްވަރެއްގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާއިރު، އަޙްމަދު އަބްދުﷲ އަކީ ރާއްޖޭގައި ދުވަހުގެ ނޫހުގެ ގޮތުގައި މަޝްހޫރު އެންމެ ތިން ނޫސް އޮތްއިރު އޭގެތެރެއިން މިއަދު ނޫސް ގިނަދުވަސް ތަކެއް ވަންދެން ހިންގެވި ފަރާތެވެ. އަދި އަޙްމަދު ވަނީ އިންފޮމޭޝަން މިނިސްޓަރުކަންވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ކުރައްވާފައެވެ.
ރައީސް ނަޝީދާއި އަޙްމަދު އަބްދުﷲގެ އިތުރުންވެސް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރޭ އިތުރު ދެބޭފުޅަކަށް ލިބިވަޑައިގަތެވެ. އެއީ މަޑުލު މުޙަންމަދު ވަޙީދުގެ އިތުރުން އިބްރާހިމް އުމަރު މަނިކަށެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަމުގެ އިތުރުންވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ބަޔެއް އެހެން ކެޓަގަރީތަކުންވެސް ނޫސްވެރިކަމުގެ އިނާމުތައް ދީފައެވެ. ނައިބު ރައީސް ފައިސަލް ނަސީމު ޝަރަފުވެރިކޮށް ދެއްވި މި ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބުނު ފަރާތްތަކަކީ ސިނާން އަލީ އާއި މުހައްމަދު ޖިނާހު އާއި އަބްދުﷲ ރަމީޒު އާއި މުހައްމަދު ޝާތިރު އާއި މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) އަދި ހުސައިން މުހައްމަދާއި މުހައްމަދު ޖަވާދު ޔޫސުފްގެ އިތުރުން މިދުހަތު އާދަމް އާއި ސައިފް އަޒްހަރެވެ.
ނޫސްވެރިކަމުގެ ރަން ގަލަން ލިބުނު ފަރާތްތަކަކީ އިބްރާހިމް ޒަކީ އާއި މުހައްމަދު އަފްޒަލް އާއި މުހައްމަދު ވަހީދު އާއި މުހައްމަދު ޝާހިދު އާއި ޝެހެނާޒް އަބްދުއްރަހްމާން އާއި އިސްމާއިލް އަބްދުލްޣަފޫރު (ފޮޓޯ ދޮންބެ) ގެ އިތުރުން މޫނިސާ އީސާ އާއި ޖާދުﷲ ސައީދު އާއި ޟަމްރަތު އަހްމަދު، ހަފްސީ އަބްދުﷲ އަދި އަހްމަދު މުހުސިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ