ނޮޅިވަރަންފަރު ފެން ނަޖިސްވުމުން ރައްޔިތުން ކައުންސިލް ދޮަށަށް އެއްވެއްޖެ

ރާއްޖޭގެ އުތުރަށް ކުރި ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބައެއް ގެތަކުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލައި ރަށު ރައްޔިތުން ކައުންސިލު ދޮަށަށް އެއްވެ އަޑުއުފުލަން ފަށައިފި އެވެ.
ނޮޅިވަރަންފަރަށް މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައިގަައި އެ ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، އެރަށުގެ އިރު އުތުރުގައި އަލަށް އެޅި ގެތަކުގެ ގޯތިތަކުގައި ހުރި ޖަކްޝަންތަކަށް ފެންއެޅި މުޅި ސަރަހައްދަށް ވަނީ ނަޖިސް ފެތުރިފަ އެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ގެތަކުގެ ރައްޔިތުންނަށް އުނދަގޫތަކަކާއި ކުރިމަތިވެ، ފެންވަރަން ބޭނުންކުރާ ފެން ވެސް ވަނީ ނަޖިސްވެފަ އެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ހަސަން ތައުފީގު މިއަދު ވިދާޅުވީ ކައުންސިލު ދޮަށަށް ރައްޔިތުން މިއަދު އެއްވެ، ދެ ކަމަކަށް ޑިމާންޑް ކުރަމުންދާ ކަމަށެވެ. އެއް ކަމަކީ ރަނގަޅު ނަރުދަމާއަކާއި ފެންވަރާނެ ސާފު ފެން ނެތުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަކްޝަންތަކަށް ފެން އެޅިގެން ގޯތިތެރެއަށް ނަޖިސް ފެތުރޭ ކޮންމެ އަހަރަކު. މިއަދު ރައްޔިތުންގެ ޑިމާންޑަކީ ނަރުދަމާގެ ރަނގަޅު ކޮށްދިނުން. ޖަކްޝަންތަކުން ނަޖިސް ފެތުރުމުން ވަޅު ތަކަށް ވެސް ވަނީ އެ ފެނުގެ އަސަރުކޮށްފަ. އެކަމުގެ ސަބަބުން ފެންވަރާކަށް ވެސް ރަނގަޅު ފެނެއް ނެތް،" ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.ކައުންސިލް ދޮށަށް ބަޔަކު އެއްވެފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ހަސަން ތައުފީގު ވިދާޅުވީ، ނޮޅިވަރަންފަރަކީ ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތް ރަށެއް ކަމުން، ފެން ބޮޑުވެ ޖަކްޝަންތަކަށް ނަޖިސް ބޭރުވުމުން ރަށުގެ ބާކީބަޔަށް ވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން މިހާރު ބޯން ބޭނުން ކުރަނީ ތާންގީތަކުގައި ރައްކާކޮށްފައި ހުރި ވާރޭފެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ޑިމާންޑް ކުރަމުންދަނީ އެ އަތޮޅުގެ ތިން ރަށަކުން އެ ރަށަށް ބަދަލުކުރި ރައްޔިތުންގެ ތެރެއިން ބަޔަކަށް ގެ ލިބުން ލަސްވަމުންދާތީ ކަމަށެވެ.
"ހަތަރު ރަށަކުން މިރަށަށް 233 އާއިލާއަކުން ބަދަލުވި. އޭގެ ތެރެއިން 52 އާއިލާއަކަށް މިރަށުން ގެ ލިބުން ލަސްވަމުންދާތީ އެ އާއިލާތަކުގެ ޝަކުވާތަކެއް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ހަސަން ތައުފީގު ވިދާޅުވީ، ރަށު ރައްޔިތުން ކައުންސިލު ދޮަށަށް އެއްވެ ކައުންސިލު އިދާރާ ބަންދުކުރުމަށް ހުރަސްއަޅަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ އެ ޑިމާންޑާއެކު ނޮޅިވަރަންފަރުގެ ކައުންސިލުން ވަނީ އެ މައްސަލަތައް މޯލްޑިވްސް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރަށާއި އެންވާރަމަންޓް މިނިސްޓްރީ އަށާއި ހޯމް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެ އިދާރާތަކުގެ އެންގެވުމުގެ މަތިން އަމަލުކުރަމުންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ