ރައްޔިތުން އެމްޑީޕީއާ ދުރަށް ޖެހިއްޖެނަމަ ހިތާމަކުރަން ޖެހޭނެ: ނަޝީދު

ކޮންމެ ސަބަބަކާ ގުޅިގެން ނަމަވެސް ދިވެހި ރައްޔިތުން އެމްޑީޕީއާ ދުރަށް ޖެހިއްޖެނަމަ އެކަމުގެ ހިތާމަ އެންމެން ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާ ދުރަށް ރާއްޖޭގެ ކަންކަން ފޭވާ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުންނަށް ޖެހޭ ދަތުރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެން ހަނދާނުގައި ބަހައްޓަވައްޗޭ، އަޅުގަނޑުމެންނާ ދުރަށް މި ރާއްޖޭގެ ކަންކަން ފޭވާ ކޮންމެ ފަހަރަކު ތި ބޭފުޅުންނަށް ޖެހޭ ދަތުރު. އަޅުގަނޑުމެންނާ ދުރަށް އަދި ކޮންމެ ފަދަ ސަބަބަކާ ލައިގެންވިޔަސް، އަޅުގަނޑުމެންނާ ދުރަށް ތިބޭފުޅުން ޖެހިއްޖެނަމަ އޭގެ ހިތާމަ އަޅުގަނޑުމެން އެންމެން ކުރާނެ. ގަބޫލުފުޅު ކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.
މި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ. އަދި ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ދެގުނަ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަން އެބައޮތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިދިޔަ ހަތް އަހަރު ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔައީ ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެން ނޫން ކަމަށާއި ހާލަތު ގޯސްވީ އެމްޑީޕީ ވެރިކަމުގައި ނެތުމުން ކަމަށެވެ. އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ ސިޔާސަތުތައް މިއަދު ރައްޔިތުން ބަލައިގެންފި ކަމަށާއި ރައްޔިތުން މިއަދު އެމްޑީޕީގެ ކަންކަން ވަރަށް ރަނގަޅަށް ދަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ވިސްނުމުގައި ނޫނީ މި ރާއްޖެ ދެން ކުރިއަށް ނުދާނެ ކަމަށާއި ނުވެސްދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީން ހުށަހަޅާ ފަލްސަފާއަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ