ކުލަބުތަކުގެ ތަމްރީނުތަކަށް އެސޯސިއޭޝަނުން އެއްބާރުލުމެއް ނުދޭ: ގްރީން ސްޓްރީޓްސް

ނިމިގެންދިޔަ 23 ވަނަ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް ޓީމުތައް ތައްޔާރުވަމުން ދިޔައިރު، އެސޯސިއޭޝަނުގެ މާ ބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ލޫނާ މޫސާ ބުނެފިއެވެ.
އެސޯސިއޭޝަން ކަޕުގެ ފައިނަލް މެޗުގައި ގްރީން ސްޓްރީޓްސް ވަނީ ކުލަބު މެޓްރިކްސް އަތުން 73-39 ޕޮއިންޓުން ބަލިވެފައެވެ.
ފައިނަލް މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަރވިއުއެއްގައި ލޫނާ ބުނީ ގޮންޖެހުންތަކާއެކުވެސް މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަކީ ކާމިޔާބެއް ކަމަށާއި، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ޓީމަކާއެކު ޕްރެޝަރުގައި ކުޅެލުން ކަމަށެވެ.
އެކަމަކު މުބާރާތް އިއުލާން ކުރުމާއެކު ތައްޔާރުވާން ލިބުނު ދެ ހަފުތާއެއްހާ މުއްދަތުގައި ފަރިތަކުރުމަށް އެސޯސިއޭޝަނުން ކޯޓު ދޫކޮށްފައިނުވާކަން ލޫނާ ވަނީ ފާހަގަކޮށްފައެވެ. އަދި މުޅި މުބާރާތަށް ބަލާއިރު ޕްރެކްޓިސް މަދުން ލިބުމާއި، މޫސުން ގޯސްވެ ގާތްގަތުގައި ވަރުގަދަ ތިން މެޗު ކުޅެންޖެހުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ލުނާ ބުންޏެވެ. އަދި ފައިނަލް މެޗުގައިވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ މުހިންމު ވަގުތުތަކުގައި ކުޅުންތެރިން ވަރުބަލިވުން ކަމަށް ލޫނާ ވަނީ ބުނެފައެވެ.
ލޫނާ ބުނީ ކުރިއަށް އޮތް ގައުމީ މުބާރާތަށް ވަރަށް ބޮޑަށް އެ ކުލަބުން ތައްޔާރުވަމުން އަންނަ ކަމަށާއި، ބޭނުންވަނީ އެ މުބާރާތުން ރަންވަނަ ހޯދުން ކަމަށެވެ. އަދި އުއްމީދަކީ ގައުމީ ތަށި ނެގުން ކަމަށާއި، ތަމްރީނުތަކަށް ކޯޓު ދޫނުކުރި ކަމުގައި ވިޔަސް މުބާރާތަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެކަމަކު ލޫނާގެ އެ ވާހަކަތަށް ނެޓްބޯލް އެސޯސިއޭޝަނުގެ ރައީސް ފަޒްނާ ޖަލީލް ވަނީ ދޮގުކުރައްވާފައެވެ. އެކަމާ ގުޅޭ ގޮތުން "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަރވިއުއެއްގައި ފަޒްނާ ވިދާޅުވީ ނެޓްބޯޅައިގެ ހުރިހާ ހަރަކާތެއް ކުރިއަށްގެންދިޔުމަށް އެންމެ ކޯޓެއް އޮންނައިރު، ކުލަބުތަކަށް އާންމު ގޮތެއްގައި ކޯޓު ދޫކުރަނީ މުބާރާތަށް އިއުލާން ކުރުމަށްފަހު، އެ ކުލަބެއް މުބާރާތުގައި ބައިވެރިވުމުން ކަމަށެވެ. އެގޮތުން އެ އުސޫލުގެ ދަށުން ކުލަބުތަކަށް ހަމަހަމައަށް ކޯޓު ދޫކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފަޒްނާ ވަނީ މިދިޔަ ރަމަޟާން މަހު ނެޓްބޯޅަ ކޯޓު ހުސްކޮށް އެތުމާ ގުޅިގެން، ގްރީން ސްޓްރީޓްސްއިން އެދުނު ގޮތަށް އެ ކުލަބަށް ކޯޓު ދޫކޮށްފައިވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ