ފައިސާ ޗާޕްކޮށް ގުޅުންހުރި ފަރާތްތަކަށް ބަހާކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ސަރުކާރުން ފައިސާ ޗާޕްކޮށް ސަރުކާރުގެ އެކި ފަރާތްތަކާއި ގުޅުންހުރި މީހުންނަށް ބަހާކަމަށް ތުހުމަތުމަކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީޕީއެމްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ، އެގޮތަށް ފައިސާ ޗާޕްކޮށް މި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމަމުންދާ ކަމަށާއި، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއް ނެތި ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަށް ފައިސާ ދޭން ނިންމަމުންދާ ކަމަށެވެ.
މެންބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ، ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ވަގުތެއްގައި އަދި އާއްމު ރައްޔިތުންގެ އެތައް ބައެއްގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި މަސްވެރިން ބާނާ މަސް ނުކިރި މަހަށް އަގު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެފައިވާއިރު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ސަރުކާރުން ފައިސާ ޗާޕް ކުރަން ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި މައްސަލަ ބަަލއިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން ފަސް މެންބަރުންނެވެ. ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ