ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މިހާރު ހުރީ ބޮލި ނޫން ކަމެއްވެސް ނޭނގޭ: ޝިޔާމް

ދިވެހިރާއްޖޭގެ ސޮވެރިން ވެލްތު ފަންޑުގައި މިހާރު ހުރީ ބޮލި ނޫން ކަމެއްވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަންނަމުން ނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރައްވަމުންނެވެ.
މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޑޮލަރުގެ އަގު އުފުލޭ ކަމަށާއި، ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެންވެސް ޑޮލަރުގެ އަގު އެމްޑީޕީއަށް ތިރި ނުކުރެވޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ޑޮލަރުގެ އަގު އެއްވަރެއްގައި ހިފަހައްޓަން ހަރުދަނާ ނިޒާމެއް ޤާއިމްކޮށްފައި ކަމަށާއި އެގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް އުފައްދައި އެ ފަންޑުގައި ޑޮލަރު ރައްކާކުރަން ފެށިކަމަށެވެ.
"މީގެ ދުވަސްކޮޅެއް ކުރިން ގަވަރުނަރު ވިދާޅުވި އެ ފަންޑުގައި ހުރި ދިވެހި ރުފިޔާއޭ، އަޅުގަނޑަކަށް ނޭނގޭ މިހާރު ބޮލި ނޫންކަމެއްވެސް ހުރީ" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޝިޔާމް ވަނީ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން އެމްޑީޕީގެ އެއްވެސް ތަސައްވުރެއް ނެތް ކަމަށާއި އިޤްތިސާދީ އެޖެންޑާއެއްވެސް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ކުރީ ސަރުކާރުން އުފެއްދީ މައިގަނޑު ތިން ކަމެއް ކުރުމަށެވެ. އެއީ އިޤްތިސާދަށް ކުރިމަތިވާ ކުއްލި ލޮޅުމެއްގައި ބޭނުން ކުރުމަށާއި، ތަރައްޤީގެ އެކިއެކި މަޝްރޫއުތަކަށް ނަގާ ލޯނު އަނބުރާ ދެއްކުމަށާއި، އަދި ލޯނު ނަގާއިރު ގެރެންޓީއެއްގެ ގޮތުގައި އޭގައި ހުރި ފައިސާ ބޭނުން ކުރުމަށެވެ. މި ފަންޑަށް ފައިސާ ޖަމާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ކޮންމެ ދަތުރުވެރިއެއްގެ އަތުން ނެގޭ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުން (އޭޑީސީ) އަދި އެއާޕޯޓުގެ އެކިއެކި ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ. ދަތުރު ކުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރު ނެގޭއިރު ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނެގެއެވެ.
2019 ވަނަ އަހަރުގެ ނިޔަލަށް ފަންޑުގައި 200 މިލިއަން ޑޮލަރު ހުރިނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ފަންޑުގައި ހުރި ޑޮލަރު އެއްކޮށްހެން ހުސްކޮށްލާފައެވެ.
ފާއިތުވި އަަހަރުގެ 21 މޭއިގައި މޫޑީސް އިންވެސްޓަރ ސާވިސް އިން ނެރުނު ރިޕޯޓެއްގައި ވަނީ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން ފައިސާ ނަގަމުން ދާނަމަ ދިވެހި ދައުލަތުން ދައްކަން ޖެހޭ 250 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެ ފަންޑުގައި ފައިސާ ނުހުރެދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ