މޫސުން ގޯސްވެ ހޯރަފުށި އެއާޕޯޓަށް ދަތުރުކުރުން މެދުކަނޑާލައިފި

މޫސުން ވަރަށް ބޮޑަށް ގޯސްވެ ހއ. ހޯރަފުށި އެއާޕޯޓަށް އުދައަރަމުންދާތީ އެ އެއާޕޯޓަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލައިފި އެވެ.
އަވަސް މިއަދު މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހޯރަފުށި އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލީ އެއާޕޯޓަށް ދިއުމަށް އޮންނަ ހައިވޭއާއި ރަންވޭ އޭ އުދައަރާތީ ކަމަށެވެ.
"އުދައަރާތީ މިވަގުތު އެތަނަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާނެތީ ދަތުރުތައް މެދުކަނޑާލީ. މިކަން ހައްލުވިހާ އަވަހަށް އަލުން ދަތުރުތައް ފަށާނަން،" ރިޒްވީ ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރު އެއާޕޯޓަކަށް މިވަގުތު ދަތުރުކުރުން މެދުކަނޑާލާފައި ނުވާނެ ކަމަށްވެސް ރިޒްވީ ވަނީ ވިދާޅުވެފަ އެވެ.
ހޯރަފުށި އެއާޕޯޓަށް ރާޅު އަރަނީ ހިލަ ނުޖަހާ އޮތް ސަރަހައްދަކުންނެވެ. އެ ސަރަހައްދުން ވަރަށް ބޮޑަށް ރާޅު އަރަމުންދާތީ ވެލިބަސްތާ ޖަހައި، ރާޅުން ލިބޭ ގެއްލުން ކުޑަކުރަން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ޓާމިނަލްގެ ބިއްލޫރި ބިއްގަނޑެއް ވެއްޓި ބިއްލޫރިތައް ފުނޑުފުނޑުވެފައިވާއިރު ޓާމިނަލްގެ ސީލިންގެ ބައެއް ވެސް ވަނީ ހަލާކުވެފަ އެވެ. ތަޅައިގެން ދިޔަައިރު ސީލިންގަށް ވެސް ގެއްލުން ވެފައިވެ އެވެ.
ހޯރަފުށި އެއާޕޯޓަކީ މިދިޔަ ނޮވެމްބަރު 19ގައި ހުޅުވާ ހިދުމަތް ދޭން ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓަށް ވެސް ކޮންމެ ދުވަހަކު ވެސް ދަތުރުތައް އޮވެ އެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުފުއްޓަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން ގަދަ ވައިގެ ސަބަބުން އެރަށުގައި މީހުން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު ސިފައިންނާއި އާންމުންގެ މަސައްކަތުން އެގޭގެ ފުރާޅުގައި ޓިނު ޖަހައި މިހާރު ވަނީ ހިޔާކޮށްފަ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. މޫސުން ގޯސްވާ ވަގުތުތަކުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ދަތުރުކުރާ ފަރާތްތަކުން މިދުވަސްވަރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ނޫނީ ދަތުރުނުކުރުމަށް ސިފައިން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ