އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު/ ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މީގެ ކުރިން ކޮށްފައިވާ އަމުރު މުރާޖައާކޮށް، އޭނާ ގޭބަންދަށް ބަދަލު ކުރަން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ނިންމުމާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ،، މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ނިންމައި، އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މި މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުން މިދިޔަ ފެބްރުއަރީ މަހުގެ މެދުތެރޭގައެވެ.
އަމީނަކީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާއެވެ. އޭނާ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރު ކުރީ ޑިސެމްބަރު 15، 2019ގައެވެ
ނަމަވެސް އޭނާގެ ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިދިޔަ ފެބްރުއަރީ މަހުގެ ތިން ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލް ނިންމެވީ އަމީން ގެއަށް ބަދަލުކުރުމަށެވެ. އެއީ އޭނާގެ ބަނދަށް 14 މަސް ވެގެން ދިޔައިރު ވެސް އެކަށީގެންވާ ގޮތަކަށް އޭނާގެ ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައިނުވާ ކަމަށް ވިދާޅުވެއެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލުކުރީ ގެއިން ބޭރަށް ނުދިއުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.
އެއާއެކު އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް ކުރި އަމުރު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެކޯޓުން ކުރި ހުކުމުގައި ވަނީ އަމީން ޑޮކްޓަރަށް ދެއްކުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތްތަކަށް ބެލުމުން އޭނާއަށް ދިމާވެފައިވާ ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ.
އަދި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އަމީނަކީ އަވަސް ފަރުވާ ލިބެންޖެހޭ ސިއްހީ ހާއްސަ ހާލަތެއްގައި ހުރި ފަރާތެއް ނޫން ކަމާއި އޭނާއަށް ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް އެހާތަނަށް ހުރިކަން އޭނާ ބެލި އެއްވެސް ޑޮކްޓަރެއް ފާހަގަކޮށްފައިނުވާ ކަމަށް ބުންޏެވެ.
އެހެންކަމުން ހައިކޯޓުން ވަނީ އަމީން އަނބުރާ ޖަލަށް ގެންދިއުމަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އަމުރުކޮށްފައެވެ
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނޭ އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީ އެވެ.
އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތުކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި މުދަލާއި ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތުކުރެއެވެ.
“ޓެރަރިސްޓް“ އަމީން ގެއަށް ބަދަލުކުރުމުން ގާޒީ ޝަކީލުގެ މައްސަލަ ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ