ޕީޕީއެމް މެންބަރަކަށް ނުވިޔަސް ރަނިންގ މޭޓަކަށްވުމުގެ ފުރުސަތު އެބައޮތް - މައުމޫން

ޕީޕީއެމްގެ މެންބަރަކަށް ނުވިޔަސް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެން ރަސްމީ ފާލަން ކައިރީ ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަކު ހުށަހަޅުއްވާ ކޮންމެވެސް ނަމެއް ކައުންސިލަށް ހުށަހެޅުމުން އެކައުންސިލްގެ ރުހުން ލިބިއްޖެއްޔާ އެބޭފުޅަކު ރަނިންގ މޭޓަކަށްވާނެ ކަމަށެވެ.
ޕީޕީއެމްގެ ރަނިންގ މޭޓަކަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު ވެދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން ރަނިންގ މޭޓަކު އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންނަމަވެސް ޖަމީލް ހުންނެވީ ޕީޕީއެމް އާއި އެކުގައި ކަމަށެވެ.
"އަޅުގަނޑުމެންނެއް އަދި ރަނިންގ މޭޓެއްގެ ކަންތައްތަކެއް ނުއެއް ނިންމަން، ޑރ.ޖަމީލް ހުންނެވީ އަޅުގަނޑުމެންނާއިއެކު، ވިސްނުންފުޅު ވެސް އަޅުގަނޑުމެންނާއި ވަރަށް އެއް ގޮތް، ވާހަކަފުޅުން ވެސް އެކަން އެނގޭނެ، އެހެންނަމަވެސް ޖަމީލަކީ އަދި ޕީޕީއެމް މެންބަރެއް ނޫން، އަޅުގަނޑުމެން އަދި އެކަން ކުރާނަން ލަހެއް ނުވެ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ވަރަށް ގިނަ ބޭފުޅުން ޕީޕީއެމްއާއި ގުޅެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ޑރ.ޖަމީލާއި އެހެން ބޭފުޅުން ވެސް ޕީޕީއެމްއަށް ސޮއިކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޖަމީލް ވަޑައިގެން ހުންނެވީ ރަސްމީ ގޮތެއްގައި ޕީޕީއެމް މެންބަރެއްގެ ގޮތުގައި ނޫން ކަމަށާއި ޖަމީލް ވަޑައިގެން ހުންނެވީ ޕީޕީއެމް ގެ ސިޔާސަތުތަކަށް ތާއީދުކުރައްވާތީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އިން ނެރޭ ޓީމަކީ ރައްޔިތުން ގަބޫލުކުރާ ރައްޔިތުންގެ ތާއީދު އޮތް ޓީމަކަށްވާން ބޭނުންވާ ކަމަށާއި ޓީމު ނެރޭއިރު ހުރިހާ ގޮތަކަށް ވެސް ވިސްނާފައި ޕާޓީއަށް ވެސް ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ޕީޕީއެމްގެ ޓީމު ނެރޭނެ ކަމަށެވެ.
ޕީޕީއެމްގެ މެނިފެސްޓޯ އާއި ބެހޭގޮތުން ރައީސް މައުމޫން ވިދާޅުވީ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށާއި މެނިފެސްޓޯގެ ވަރަށް ބޮޑުބައި ނިމިފައިވާ ކަމަށެވެ. އަދި މެނިފެސްޓޯ ފުރިހަމަ ނުކުރެވި ހުރި ބައިތައް ވަރަށް އަވަހަށް ނިންމާ އެކަން އިއުލާން ކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްއިން ފުވައްމުލަކަށް ކުރި ދަތުރާއި ބެހޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ އެދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި މިއީ ޕީޕީއެމްގެ ފަރާތުން މިހާތަނަށް ނުކުރާ ފަދަ ކާމިޔާބު ދަތުރެއް ކަމަށެވެ. މީގެކުރިން އެއްވެސް މީހަކު ފުވައްމުލަކަށް ގޮސްގެން މިހާ ގިނަ ބަޔަކު އެއާޕޯޓަށް ގޮސް މަރުހަބާ ކިޔާފައި ނެތް ކަމަށް ފުވައްމުލަކު ރައްޔިތުން ވެސް ބުނެފައިވާ ކަމަށް ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ