އަޅުގަނޑު މީހަކަށް ދޮގެއް ހަދާ އޮޅުވާލާފައެއް ނުވާނެ - ގާސިމް

މީހަކަށް ދޮގު ހަދާ އޮޅުވާލާފައިނުވާނެ ކަމަށާއި އެއްވެސް މީހަކަށް އޮޅުވާލަން ބޭނުންނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ބަޔަކާއިއެއްކޮށް ލ.ގަމުގައި މިދިޔަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ "އަޅުގަނޑަށް ކޮށްނުދެވޭ ކަމެއްގެ ވާހަކަ އަޅުގަނޑު މީހެއް ކައިރީ، އެކަން ކޮށްދޭނަމޭ ނުބުނާނަން" ކަމަށާއި ކޮންމެ މީހަކު ވެސް ތެދުވެރިކަމާއިއެކީގައި ވާހަކަދައްކަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މީހަކަށް ދޮގެއް ހަދާފައެއް ނުވާނެ، އަޅުގަނޑު މީހަކަށް އޮޅުވާލާފައެއް ނުވާނެ، އަޅުގަނޑު އޮޅުވާލާކަށް ވެސް ނެތީމު، އަޅުގަނޑަށްކޮށްނުދެވޭ ކަމެއްގެ ވާހަކަ އަޅުގަނޑު މީހެއް ކައިރީ އަޅުގަނޑު އެކަން، ކޮށްދޭނަމޭ ނުބުނާނަން، އެހެންނަމަވެސް ފަހަރެއްގައި ބުނާ އެއްޗެއް މީހަކަށް އޮޅުވާލައިގެން ނުވަތަ ލަސްވުމެއް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އަތުވެދާނެ، ބައެއް ފަހަރު ކަންތައްތަކެއް ދިމާވެދާނެ،" ގާސިމް ވިދާޅުވި އެވެ.
މިހާތަނަށް ގިނަ އަދަދެއްގެ ވައުދުތަކެއް ވެވަޑައިގަތް ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ވާންޖެހޭ ވައުދުތައް ވާންޖެހޭނީ އިހްލާސްތެރިކަމާއިއެކީގައި ވާންޖެހޭ ވައުދުތަކަށް ކަމަށާއި އިންތިހާބީ ކެމްޕެއިންއެއްގައި ދައްކަމުންދާ ވާހަކަތައް ކުޅޭ ކުޅޭ އެއްޗަކަށް ހެދިގެންނުވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން މިއުޅެނީ، ތެދުވެރިކަމާއިއެކީގައި އަޅުގަނޑުމެން ވާހަކަދައްކަންޖެހޭނެ ވާހަކަ، އަޅުގަނޑުމެން އިހްލާސްތެރިކަމާއިއެކީގައި ރައްޔިތުންނަށް ވާންޖެހޭ ވައުދުތައް ވާންޖެހޭނެ ވާހަކަ، އަޅުގަނޑުމެން ހަދާން ނައްތާލައިގެން ނުވާނެ އަޅުގަނޑުމެންގެ ވެރިޔަކަށް ހޮވާ މީހަކު ދައްކާ ވާހަކަ، ނުވަތަ އިންތިހާބީ ކެމްޕެއިންއެއްގައި ދައްކަމުންދާ ވާހަކަތައް އެއީ ކުޅޭ ކުޅޭ އެއްޗަކަށް ހެދިގެން ނުވާނެ" ގާސިމް ވިދާޅުވި އެވެ.
ތަރައްގީ ކުރުމަކީ ނުވަތަ ގައުމެއް ބިނާކުރުމަކީ އަދި ތަރައްގީ ގެނައުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ވެސް ކަމެއް ނޫން ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އަދި 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ބޭފުޅަކު ހޮވާއިރު މިއީ ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވާދެއްވުމަށް މިދަންނަވަނީ ޖުމްހޫރީ ޕާޓީގެ ބާރު ފޯރުވާކަށް ނޫން ކަމަށާއި އެޕާޓީގެ ސަރުކާރެއްގައި ވަޒީފާތަކާއި މަގާމުތަކަށް އައްޔަންކުރާނީ މިދައުލަތުގެ މިރައްޔިތުންގެ ތެރޭގައި ތިބި އެކަމަށް އެންމެ ގާބިލްކަމަށް ގަބޫލުކުރެވޭ މީހުން މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ވަޒީފާތަކާއި މަގާމުތަކަށް އައްޔަންކުރާނީ މިދެންނެވި މިދައުލަތުގެ މިރައްޔިތުންގެ ތެރޭގައި ތިބި އެކަމަށް އެންމެ ގާބިލްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މީހުން އިނގޭތޯ، މި ކަށަވަރުކޮށްދެން އަޅުގަނޑުމެން، އެއީ ކޮން ޕާޓީއެއްގައި ތިއްބަސް ކޮންމެ ތަނެއްގައި ހުއްޓަސް، އެހެންވީމަ މިދެންނެވި ގޮތަށް އަޅުގަނޑުމެން އެއްވެސް ޒާތީ ތާއްސަބެއް ނެތި އަޅުގަނޑުމެން އެކަންކުރާނެކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން، އަޅުގަނޑުމެންނަށް އެފުރުސަތު ދެއްވާށޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މީހުންނަށް ވަޒީފާދީފައި ދެން ތިބި ޕާޓީގެ މީހުންނަށް ވަޒީފާ ނުދިނުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ