2015 ވަނަ އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި މައްކާގެ ހަރަމްފުޅުގެ މައްޗަށް ސޭލާއެއް (ކްރޭނެއް) ވެއްޓުނު ހާދިސާއާ ގުޅިގެން 13 މީހެއްގެ މައްޗަށް އުފުލުނު ދައުވާތައް ކޯޓުން ބޭރުކޮށްލައިފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު މިހާދިސާގެ ޝަރީއަތް ފެށުނުފަހުން ޝަރީއަތުގެ ކަންކަން ވަރަށް ގާތުން ބަލައި ރިޕޯޓް ކުރަމުންދިޔަ އޮކާޒް ދުވަހު ނޫހުން ބުނެފައިވަނީ، ހުށަހެޅިފައިވާ ދައުވާއަކީ ރައްކާތެރިކަމަށް އަޅާންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވުމުގެ ދައުވާއެއް ކަމަށާއި، ކޯޓުގެ އިހްތިސާސްގެ ތެރޭގައި އެފަދަ މައްސަލަތައް ބެލުން ނުހިމެނޭ ކަމަށް މައްކާގެ ޖިނާއީ ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
މައްސަލަ ނުބެލޭނޭ ކަމަށް ކޯޓުން ހުކުމް ކުރުމުން، މައްސަލަ ހުށަހެޅި ދައުލަތުގެ ވަކީލުން ހުކުމާ ދެކޮޅުހެދި ކަމަށާއި އަދި ހުކުމް އިސްތިއުނާފް ކުރާނޭ ކަމަށްވެސް ބުނެފައިވާ ކަމަށް އޮކާޒުން ބުނެއެވެ.
ހަރަމްފުޅުގެ މައްޗަށް ކްރޭން ވެއްޓުނު ހާދިސާގެ ޝަރީއަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 11 ވަނަ ދުވަހު ފެށިއިރު، ދައުވާ އުފުލިފައިވާ މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ "ބިލިއަނަރަކާއި"، ޕާކިސްތާން، ފިލިޕީންސް، ކެނެޑާ އަދި ބައެއް އަރަބި ގައުމުތަކުގެ ރައްޔިތުން ހިމެނޭ ކަމަށް އޮކާޒް ދުވަހު ނޫހާއި، ސައުދީ ގެޒެޓުން ޝަރީއަތް ފެށި ދުވަހު ރިޕޯޓް ކޮށްފައި ވެއެވެ. އަދި ޝަރީއަތް ފެށީ 14 މީހެއްގެ މައްޗަށް ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ނަމަވެސް، މައްކާގެ ޖިނާއީ ކޯޓުން މިއަދު މައްސަލަ ބޭރުކޮށްލިއިރު ބުނެފައިވަނީ 13 މީހެއްގެ ވާހަކައެވެ. އެކަން ވީގޮތެއް އަދި ސާފުނުވާކަމަށް އޮކާޒް ނޫހުން ބުނެއެވެ.
މިމައްސަލައިގެ ޝަރީއަތް ކުރިއަށް ދާއިރު ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ވަނުން ހުއްޓުވައި ދިނުމަށް ދިފާއީ ވަކީލުން އެދުނު ކަމަށްވެސް އޮކާޒް އަދި ސައުދީ ގެޒެޓުން މިދިޔަ ހަފްތާގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް ވަކީލުންގެ އެދުމަށް މައްސަލަ ބައްލަވާ ފަނޑިޔާރު އަބްދުލް އަޒީޒް ހަމޫދު އަލް ތުއައިރްކީ ދެއްވި ޖަވާބަކީ "ތިބޭފުޅުންނަށް އަޅުގަނޑު އިއްވާ ހުކުމް އިސްތިއުނާފް ކުރެވިދާނެ" ކަމަށެވެ.
2015 ވަނަ އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހަރަމްފުޅުގެ މައްޗަށް ކްރޭން ވެއްޓުމުގެ ހާދިސާގައި 109 މީހުން މަރުވެ، 400 އަށްވުރެ ގިނަ ހާޖީން ޒަޚަމްވިއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ހާޖީން ހިމެނެއެވެ.
މިމައްސަލާގައި 14 މީހެއްގެ މައްޗަށް ދައުވާ އުފުލުނީ، އެމީހުންގެ އިހުމާލުން ބައެއްގެ ފުރާނަ ގެއްލުމާއި، ރައްކާތެރިކަމަށް އަމަލުކުރާން އޮންނަ އުސޫލުތަކާ ޚިލާފްވުމާއި، މުދަލަށް ގެއްލުން ލިބުމުގެ ދައުވާއެވެ. ނަމަވެސް، ދައުވާއަށް އެންމެންވެސް ވަނީ އިންކާރު ކޮށްފައެވެ.
ހަރަމްފުޅުގެ މައްޗަށް ވެއްޓުނީ، ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތަށް މިސްކިތް ވަށައިގެން ބަހައްޓާފައިހުރި ބިޔަ ކްރޭންތަކުގެ ތެރެއިން އެންމެ ބޮޑު ކްރޭނެވެ. އޭތި ވެއްޓުނީ، މައްކާއަށް މޫސުން ވަރަށް ގޯސްވެ، ޖެހެމުންދިޔަ ގަދަފަދަ ވައިގެ ސަބަބުން ބުޑުން ލުހިގެންގޮހެވެ.
ހަރަމްފުޅު ފުޅާކުމުގެ މަސައްކަތް ކުރަމުންދިޔައީ، ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމުގައިވާ ބިންލާދިން ގްރޫޕުންނެވެ.
ކްރޭން ވެއްޓުނު ހާދިސާގައި ބިންލާދިން ގްރޫޕްގެ އިހުމާލު އޮތްކަމަށް ތަހްގީގުތަކުން ހާމަވުމާ ގުޅިގެން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްވަނީ އެ ގްރޫޕަށް އަދަބުވެސް ދެއްވާފައެވެ.
އެގޮތުން، އެމައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި ނިމެންދެން ބިންލާދިން ގްރޫޕްގެ އެއްވެސް ވެރިޔަކު ގައުމުން ބޭރަށް ދިއުން މަނާކުރެއްވުމާއި، އަދި އެމުއްދަތުގެ ތެރޭގައި ސަރުކާރުގެ ކޮންސްޓްރަކްޝަން އިތުރު އެއްވެސް ޕްރޮޖެކްޓެއް ބިންލާދިން ގްރޫޕަށް ނުދިނުމަށްވެސް ރަސްގެފާނު އަމުރު ކުރެއްވިއެވެ.
ހަރަމްފުޅުގެ މައްޗަށް ސޭލާ ވެއްޓުނު މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ