ރަށަށް ދާން ކުރިން ރަޖިސްޓާ ނުވާ ރިސޯޓު މުވައްޒަފުންނަށް ފުރުސަތެއް

މާލެ ލޮކްޑައުން ކުރި އިރު ރަށަށް ދާން މާލެއަށް އައިސް ތާސިވި ރިސޯޓު މުވައްޒަފުންގެ ތެރެއިން ކުރިން ރަޖިސްޓާ ނުވާ ފަރާތްތަކަށް ރަޖިސްޓާވާން އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓރީން ބުނީ، ކޮވިޑާ ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަމިއްލަ ރަށަށް ދިއުމައްޓަކައި މާލެއަށް އައިސް މާލެ ފުރަބަންދުގައި ތިބި މުވައްޒަފުންގެ ތެރެއިން ކުރިން ރަޖިސްޓާ ނުވާ ފަރާތްތަކަށް މިނިސްޓްރީގައި ރަޖިސްޓާ ވުމަށް އިތުރު ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް އެސްއެމްއެސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] ނަންނޯޓު ކުރުމަށް އެ މިނިސްޓްރީން ބުނެއެވެ.
މާލޭގައި ތާށިވެ ރަށަށް ނުދެވިފައި ތިބި ރސޯޓު މުވައްޒަފުން ނަން ނޯޓުކުރުމަށް ކުރިން ހުޅުވާލި ފުރުސަތުގައި ޖުމްލަ 582 ފަރާތެއް ނަން ނޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން 80 ފަރާތެއް ވަނީ ރިސޯޓު މުވައްޒަފުންތޯ ބެލި ކުރި މަރުހަލާގައި އުނިކޮށްފައެވެ. އެއަށްފަހު ސައްހަ ލިސްޓުގެ ގޮތުގައި 502 މުވައްޒަފުން ފާހަގަކޮށް އެފަރާތްތަކަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސި އިރު އޭގެތެރެއިން 26 މީހަކަށް ދީފައިވާ ނަންބަރަށް ނުގުޅޭ ކަމަށް އެ މިނިސްޓްރީން އޭރުވަނީ ބުނެފައެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ބަދަލު ކުރި އިރު މާލޭގައި ތާށިވެފައި ތިބީ ރިސޯޓު މުވައްޒަފުން އެކަންޏެއް ނޫނެވެ. ބޭސް ފަރުވާއަށް މާލެއަށް އައިސްތިބި އެތައް އާއިލާއެއްވެސް ތިބީ ތާށިވެފައެވެ. އެ ގޮތުން މާލޭގައި ތިބި މީހުން ރަށްރަށަށް ދިއުމަށް އެދި ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު 5000 އަށް ވުރެ ގިނަ މީހުން ޝަކުވާ ހުށަހަޅާފައި ވެއެވެ. އޭގެތެރޭގައި މާލޭގައި ތާށިވި މީހުންގެ އިތުރުން މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެނބުރި ރަށަށް ދާން ބޭނުންވެގެން ޝަކުވާ ހުށަހެޅި ފަރާތްތައްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ