އާސަންދައިގެ ދަށުން ބޭރުން ފަރުވާ ހޯދާ މީހުންނަށް ފުރުމުގެ ހުއްދަ އަދިވެސް ނުލިބޭ: މަބްރޫކް

އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ބޭރު ގައުމުތަކަށް ފުރުމުގެ ހުއްދަ އެ ގައުމުތަކުން އަދިވެސް ނުލިބޭ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއިއޯސީ) އިން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އާސަންދައިން ބޭސްކުރާ ފަރާތްތަކުގެ ތެރެއިން ބޮޑެތި ހާލަތާއި ބޮޑެތި ބަލިތައް ދެނެގަނެވިފައިވާ ފަރާތްތައް ރާއްޖެއިން ބޭރަށް ކޮންމެހެން ބޭރަށް ބޭސްކުރަން ދާންޖެހިފައިވާ ފަރާތްތަކެއް ތިބި ކަމަށާއި، އެ ބޭފުޅުން ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ނަމަވެސް މިހާ ހިސާބަށް އައި އިރު ވެސް މަޑުކޮށްގެން ތިބެނީ ބޭރު ގައުމުތަކުން މިކަމާއި ގުޅިގެން ދޭންޖެހޭ ހުއްދަތައް ލިބެންދެން ކަމަށް އާސަންދަ އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ އާސަންދައިން ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ 37 މީހަކު އެބަތިބި ކަމަށާއި، އެމިހުން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާސަންދައިގެ ދަށުން ބޭރުން ބޭސްފަރުވާ ކުރަން ފުރުމަށް ހަމަޖެހިފައިވާ ގިނަ މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަންޖެހޭ މީހުން ކަމަށާއި، އިންޑިއާއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އާސަންދައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވެފައިވަނީ ބަލި މީހުންނާއި ގޮތުން އިންޑިއާ ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އިންޑިއަ ސަރުކާރުގެ ފަރާތުން ފުލައިޓެއް ދަތުރުކުރުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށާއި، އަދިވެސް އެ މަސައްކަތް ހުއްޓާނުލާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖެއިން އެއްވެސް ގޮތަކަށް ފަރުވާދެވެން ނެތް ބަލިތަކުގެ މީހުން ޞިއްޙީ ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މަރިޔަމް ޝަފީޤް ވިދާޅުވީ މާލެ 'ލޮކްޑައުން' ކުރުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ކޮންމެހެން ބޭސް ފަރުވާއަށް ދާންޖެހޭ މީހުން އާސަންދައިގެ އެހީގައި ގެންދިޔުމާއި ބެހޭ މަޝްވަރާތައް ފޮރިން މިނިސްޓްރީން، އިންޑިއާ އަދި ސްރީލަންކާ ސަރުކާރާއެކު ކުރަމުންދާ ކަމަށެވެ.
މަރިޔަމް ޝަފީޤް ވިދާޅުވި، ފަރުވާދޭން ޖެހޭ މީހުންގެ ލިސްޓުގައި މިހާރުވެސް ގިނަ ޢަދަދެއްގެ މީހުން ތިބިއިރު، އޭގެ ތެރެއިން ބަލި ޙާލަތު ގޯސް ފަރާތްތަކަށް އިސްކަންދީގެން ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ