ގާނޫނު އަސާސީ ފުރިހަަމަ، ނެތީ ރައީސް ޔާމީންގެ އިޚްލާސްތެރިކަން: ގާސިމް

ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ޒިންމާ އަދާކުރައްވާ ބޭފުޅަކަށް މިއަދުގެ ގާނޫނު އަސާސީއަކީ ފުރިހަމަ ގާނޫނު އަސާސީއަކަށް ވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީނަށް ގާނޫނު އަސާސީ އުނިއެއްޗެއް ގޮތަށް ފެންނަނީ އެމަނިކުފާނުގެ އިޚްލާސްތރިކަމާއި ތެދުވެރިކަން ނެތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލީ ގިނަ ދުވަސްތަކެއްގެ މަސައްކަތާއި، އެތައް ބައެއްގެ ހިޔާާލައި ލަފައާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ އެކުލަވާލީ އޭރު ވެރިކަމުގައި އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ހުށަހެޅުންތަކާއި، ހާއްސަ މަޖިލީހުގެ މެންބަރުންގެ ހުށަހެޅުންތަކާއި، އާންމު ރައްޔިތުންގެ ހިޔާލުތަކާއި، ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު ހޯދައިގެން ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނު އަސާސީ ވަރަށް ފުރިހަަމައަށް އެކުލަވާލާފައި ވަނިކޮށް ގާނޫނު އަސާސީއާ ގާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ދައުލަތުގެ މުދަލަށް ހިތުހުރި ގޮތެއް މިއަދުގެ ސަރުކާރުން ހަދަމުން ގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނެފައިވާނެ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށްވެސް ގާނޫނު އަސާސީއަށް ހިތުހުރި ގޮތެއް ހަދައި އަމިއްލަ އާއިލާއާއި އަމިއްލަ ވެރިކަމުގެ ދިފާއުގައި ބޭނުންވާހާ ކަމެއް ނުކުރެއްވޭނެ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަންކަން ކުރައްވަނީ ގާނޫނު އަސާސީއަށް ހިތުހުރި ގޮތެއް ހެދުމަށްފަހު އެމަނިކުފާނު އެވަގުތަކު ހިތްޕުޅާވާ ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން މިއީ ރައްޔިތުން ނިކުމެ ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ ވަގުތު ކަމަށާއި އެމަސައްކަތުގައި އެންމެ ވަގުތެއްވެސް ބޭކާރުކޮށްލައިގެން ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރައްޔިތުން މިއަދު ފަށާފައިވާ މަސަައްކަތް ހުއްޓާލާނީ އެމަނިކުފާނު ގާނޫނީ އިމުގެ ތެރެއަށް ވަނުމުން ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން މިހާރު ހިނގަމުން މިދާ ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް ސިވިލް ސާވިސް މުވައްޒަފުން އިހްތިޖާޖު ކުރުމަށާއި އަދި ރަށްރަށުގެ ބޭފުޅުން މާލެ އައިސް މާލޭގައި މުޒާހަރާކުރުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާސިމް ތަކުރާރުކޮށް ވިދާޅުވީ ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ ކޮންމެ ކަމެއް ކުރަންވާނީ ގާނޫނު އަސާސީއާ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ހުރި ގޮތުން މިއަދު މިގައުމުގައި ގާނޫނީ އިމުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގާ ކަމަށާއި މިއީ ދިވެހި ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލައެއް ކަމަށެވެ. ރައީސް ޔާމީން ކަމެއް ކުރައްވަން ބޭނުންވުމުން މުއައްސަސާތަކަށް ނުފޫޒު ފޯރުަވައިގެން ކަންކަން ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ގަރާރުގެ މުއްދަތު ވެސް މަޖިލީހުގެ ތެރެއިން އިތުރުކޮށްލީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ހުއްޓުވާލާފައި އޮންނަތާ ހަތް މަސް ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އެކަން ވެސް ކުރަމުން ދަނީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ކަމުގައިވެސް ވިދާޅުވި އެވެ.
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހަމަތަކާއި އުސޫލުތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށާއި މެންބަރަކު ޕާޓީ ބަދަލުކޮށްގެން މެންބަރެއްގެ ގޮނޑި ގެއްލުވާލެވޭނެ އެެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސްކުރާނެ ގޮތްތަކާއި އެކަމުގައި އަމަލުކުރަންވީ ގޮތްތައް ގާނޫނު އަސާސީގައިވާ ކަމަށާއި އެހެންކަމުން ގާނޫނު އަސާސީގައިވާ އިން ހަނިވާ ގޮތަށް އެއްވެސް ފާރަތަކަށް އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމުގައިވެސް ވިދާޅުވި އެވެ. މަޖލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށާއި ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސްކުރީ ވެސް ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމެއް ކުރި ނަމަވެސް އެފަދަ ހުކުމް ބަލައިނުގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ފަނޑިޔާރަކު ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރި ފަހުން އެ ކޯޓުގައި ތިއްބަވާ ތިން ފަނޑިޔާރުންނަށް ސިފައިންނާ ފުލުހުން ބިރުދައްކާ ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެހެންކަމުން މިއަދުގެ މިހާލަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ނެރޭ ހުކުމްތަކާއި އަމުރުތަކުގެ ސައްހަ ކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގަ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. މިސަރުކާރުން ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި އާއި، ކުއްލި ނުރައްކަލުގެ ގަރާރުގެ މައްސަލަާގައި ހުކުމެއް ކޮށްފިނަމަ އެ ހުކުމް ކުރުމާއެކު މިހާރު ތިއްބެވި ފަނޑިޔާރުންނަށް ވެސް މިސަރުކާރުން ނުހައްގުން ފިޔަވަޅު އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އަދި މިއަދުވެސް ހިންގަމުން ގެންދާ އަމަލުތައް ހުއްޓުވުމަށްޓަކައި އެމަނިކުފާނު ހައްޔަރުކޮށް ޖަލަށް ލުމަށް ސަލާމަތީ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. ރައީސް ޔާމީން ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ބައެއް ކަންކަމުގައި އަމިއްލައަށް އިއުތިރާފްވެސް ވެފައިވާ ކަމަށާއި އަދި އެމަނިކުފާނު ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅުންހުރި ބޭންކް އެކައުންޓްތަކުގެ ތަފްސީލްތައް ވެސް މިހާރު ހާމަވެފައިވާ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ