ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާތީ ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރުމަށާއި އެކަމާ ގުޅޭގޮތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީތަކަށް ޖަވާބު ހޯދުމަށް މިއަދުވެސް ވަނީ ވަޑައިގެންފައެވެ.
ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ފަރާތުން ވެސް ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ކަަމަށާއި އަދި ޕާޓީތަކުގެ ލީޑަރުންވެސް އެމައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަަމަށެވެ.
އޭނަ ވިދާޅުވީ މިއަދު އަނެއްކާވެސް މިކަމާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ 12 މެމްބަރުން މަޖިލީހަށް ނުވައްދާތީ މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ މައްސަލަ ކަމަށެވެ. މިކަމުގައި ހައްލެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކަމަށެވެ.
"މެމްބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުއަސާސީއާ ޚިލާފަށް އަޅާފައި އޮތް ހުރަހުގެ ސަބަބުން ދައުލަތާއި އާންމު ރައްޔިތުންނާއި ޕާޓީތަކާއި ވަކިވަކި ފަރުދުންގެ ހައްގުތަކަށް ވަރަށް ބޮޑަށް އުނިކަން ލިބިގެންދޭ. އަދި ދުސްތޫރީ ނިޒާމަށްވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނުރަގަޅު އަސަރު ކުރޭ. އެހެންކަމުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓުގައި މިއަދު އަޅުގަނޑުމެން މިއެދުނީ" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް ސުޕްރީމް ކޯޓުން މިކަމަށް ހައްލެއް ހޯދައިނދިނުން ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީސް ހިންގޭނެ ގޮތް ވީހާވެސް އަވަހަކަށް ވުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގެ ބޭނުން ސަރުކާރުން ނާޖާއިޒްގޮތުގައި ހިފާކަން އެންމެނަށްވެސް އެނގޭ ކަމަށެވެ. ސަރުކާރުން އަމަލުކުރަމުންދަނީ އެއަމުރާ ކަނޑައެޅިގެން ޚިލާފަށް ކަަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.
"އެއަމުރުގައި އެބައޮތް އެންޓި ޑިފެކްޝަން ގާނޫނެއް އަންނަންޖެހޭނެ ކަަމަށް. ކީއްވެތޯ މިހާދުވަސް ވީއިރު އެކަން ނުވީ. ފްރީ ޓްރޭޑް އެގްރިމެންޓް ފަދަ ކަންކަން ބާރު ސްޕީޑުގައި ނިންމި ގޮތަށް ކީއްވެތޯ އެގާނޫނު ނުނިންމަންވީ. ސުޕްރީމް ކޯޓުގެ އެއަމުރަކަށް ދައުލަތުން އަމަލެއް ނުކުރޭ. އެއީ ދައުލަތަށް ކުރުން ލާޒިމުކޮށްފައި އޮތް ކަމެއް. އެކަމަކު އެއްވެސް ވަރަކަށް އެކަމަށް އަޅާލުމެއް ނެތް" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގޮނޑިތައް ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާނަމަ ދެމަސް ދުވަސްތެރޭ ބައި އިލެކްޝަން ބާއްވަން ގާނޫނުގައި އޮތް ނަމަވެސް އެއަށްވެސް އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ސުޕްރީމް ކޯޓުން ނެރެފައި އޮތް އަމުރެއް ކަނޑައެޅިގެން ގޯސްކޮށް މާނަކޮށް، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވިޔަނުދިނުމަށް ރައީސް ޔާމީން އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ސުޕްރީމް ކޯޓުން ސީރިއަސްކޮށް މިމައްސަލަ ބަލައި ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވޭއިރު ގާސިމް އިބްރާހީމާއި ފާރިސް މައުމޫންވެސް ހިމެނޭގޮތުން 14 މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އިދިކޮޅު ޕާޓީތަކުގެ 45 މެމްބަރުންނަށް މެޖޯރިޓީގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ