ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ ތެރޭގައި ހިމެނޭ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށްފަހު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ކުރީގެ ސޮލިސިޓަރ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ސިޔާސީ ޕާޓީގެ ދަފުތަރުން ނަން އުނިކޮށްގެން މެނުވީ ޕާޓީގެ މެމްބަރުކަމުން ވަކިނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވާ ކަމަށެވެ. އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ގޮތް ކޮންމެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީން މީހަކު ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަަމަށެވެ. އެގޮތުން މެމްބަރުކަމުން ވަކިވުމަށް ސިޓީ ހުށަހެޅުމުން ވަކިވީ ކަމަށާއި އެއީ ގާނޫނުގައި އެކަން އޮތް ގޮތް ކަމަށެވެ.
"އެގޮތުގެ މަތިން ޕާޓީން ވަކިވާނެކަން މިހަފުތާގެ ކުރީގައި ސުޕްރީމް ކޯޓުން ނިންމި މެމްބަރު ވަހީދާއި އަމީތާއި ސައދުމެންގެ މައްސަލާގައި އެއޮތީ ވަރަށް ސާފުކޮށް. ގާނޫނުގައި މިކަން އޮތްގޮތް ވަރަށް ސާފު. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން އެބުނާ ވާހަކައަކީ މުޅިން ހަމަޖެހޭ ވާހަކައެއް ނޫން" ރިފްއަތު ވިދާޅުވިއެވެ.
އަބްދުﷲގެ އަނެއް ވަކީލު މަސްތޫރު ހުސްނީ ވިދާޅުވީ މިއީ ވަރަށް ސާފު މައްސަލައެއް ކަމަށާއި އަބްދުﷲ ގެ ގޮނޑި ގެއްލެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަަމަށެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން އޮންނަ އިޖުރާއަތްތަކުގައި ބުނާ ތާރީޚަށްވުރެ ކުރިން އޭނަ ވަނީ ޕީޕީއެމުން ވަކިވެފައި ކަމަށާއި އެކަން ސުޕްރީމް ކޯޓުގެ ބެންޗަށް ވެސް ވަރަށް ސާފު ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކައިގައި ވެސް އަޅުގަނޑުމެން ބަލަނީ އެކޮމިޝަނަށް ވެސް އެކަން ސާފު ކަމަށް. އަޅުގަނޑުމެން އުންމީދު މިކުރަނީ ސުޕްރީމް ކޯޓުން އަބްދުﷲގެ ގޮނޑިއާ މެދު އުފެދިފައިވާ ޝައްކު ސާފުވެގެންދާނެ ކަމަށް. 11 ޖުލައި 2017ގައި ޕީޕީއެމުން ވަކިވެފައިވާތީ މިދެންނެވި އިޖުރާއަތްތައް އެފަރާތުގެ މައްޗަށް އިތުރަކަށް ނުހިނގާނެ" މަސްތޫރު ވިދާޅުވިއެވެ.
މަސްތޫރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިއަދު ދެއްކި ވާހަކައަށް ވެސް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ވީހާވެސް އަވަހަކަށް ހުކުމް ކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އިސްލާހީ މަސައްކަތަށް ނުކުންނެވީ ގާނޫނުތަކާއި ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިދޭ ހައްގުތަކުގެ ބޭނުން ހިއްޕަވައިގެން ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމަކީ އޭނަގެ އިންތިޚާބީ މަގާމު ގެއްލިގެންދާންޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ބަޔަކު ގާނޫނުތަކާ ޚިލާފަށް ސިޔާސީ ބޭނުމަކަށްޓަކައި ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އަޅުގަނޑު އިންތިޚާބުކުރީ ދާއިރާގެ ރައްޔިތުންގެ ބަސްބުނުމަށްޓަކައި. އެގޮތުން ދާއިރާގެ ރައްޔިތުން ތަމްސީލްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބެންޖެހޭ. އެއްއަހަރާއި އެއްމަހާއި އެއްދުވަސް ނުވަތަ 13 މަސްދުވަސް ހޭދަމިކުރީ ދާއިރާގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކުރި މަސައްކަތުގައި" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ މިއަދާ ހަމައަށް ކުރެވުނު މަސައްކަތަކީ އިންސާފު ހޯދުމަށް ކުރެވުނު މަސައްކަތް ކަމަށާއި އިންސާފުގެ މަަގަށް ރާއްޖެ ރުޖޫއަވާ މަންޒަރު ފެންނަމުންދާ ކަމަށެވެ. ރައްޔިތުން ތަމްސީލްކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނަ ވިދާޅުވިއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. މިގޮތުން 11 ޖުލައިގައި އަބްދުﷲ ގެ ސިޓީއެއް ކޮމިޝަނަށް ލިބިފައިވޭތޯ ސުވާލު ކުރެއްވުމުން އެތާރީޚުގައި ސިޓީ ލިބިފައިވާ ކަމަށް އިލެކްޝަނުގެ ވަކީލުން ވެސް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީކަން މިއަދު އިއުލާންކުރައްވާފައެވެ. އަދި ވިދާޅުވީ ހުކުމް އިއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަަމަށެވެ.
ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމް ކޮށްފައެވެ. މެމްބަރު އަބްދުﷲ ގެ އިތުރަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑީގެ މައްސަލަ ވެސް މިއަދު ވަނީ ކޯޓުގައި ތާވަލްކޮށްފައެވެ.
މެމްބަރު އަބްދުﷲ ގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ