ބަދަލުގެ ގޮތުގައި ބަޖެޓުން 1.1 ބިލިއަން ރުފިޔާ ދީފި

އެކި މައްސަލަތަކާއި ގުޅިގެން ދައުލަތުން ބަދަލުގެ ގޮތުގައި މިއަހަރުގެ ތެރޭގައި 1.1 ބިލިއަން ރުފިޔާ ދީފި ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބަދަލުގެ ގޮތުގައި ދައުލަތުންން ދީފައި ވަނީ 115 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިއަހަރުގެ ނިޔަލަށް ހަރަދުގެ ގޮތުގައި ބަޖެޓުން ހޭދަވެފައިވާ މިންވަރާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 1.1 ބިލިއަން ރުފިޔާ ވަނީ ހަމައެކަނި ބަދަލަށް ހަރަދުކޮށްފައެވެ. މިދިޔަ އަހަރާއި ބަލާއިރު، އެއީ 900 މިލިއަން ރުފިޔާގެ ބޮޑު ތަފާތެކެވެ.
މީގެ އިތުރުން ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައިވާ އެހެން ކަންކަމަށް ބަލާއިރު ސަރުކާރުގެ އެކި މަގާމުތަކަށް މުސާރަ ދިނުމާއި، އިދާރީ ހިންގުމަށް ދީފައިވާ ފައިސާ ހިމެނެއެވެ.
އެގޮތުން މިދިޔަ އަހަރުގެ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުސާރައިގެ ގޮތުގައި ދީފައި ވަނީ 8.4 ބިލިއަން ރުފިޔާއެވެ. އެހެން ނަަމަވެސް އެއަދަދު މިއަހަރު ވަނީ ނުވަ ބިލިއަނަށް އުފުލިފައެވެ.
ދެން މިގޮތަށް އެންމެ ބޮޑު ހޭދައެއް ސަރުކާރުން ކޮށްފައިވަނީ އިދާރާތައް ހިންގުމަށެވެ. އިދާރާ ހިންގުމަށް ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި 7.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއަހަރު އެއަދަދު ވަނީ 8.3 ބިލިއަން ރުފިޔާއަށް އުފުލިފައެެވެ. އެއީ 800 މިލިއަން ރުފިޔާގެ ބޮޑު ތަފާތެކެވެ.
ސަރުކާރުން ބައެއް ތަންތަނަށް ބަދަލުދެމުން ދަނީ އިންސާފުން ނޫންކަމަށް ބުނެ ކަމާބެހޭ އިދާރާތަކަށް މިހާތަނަަށް ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ