އަރުހަމް މަރާލި މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފި
ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފި އެވެ. ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ މުހުތާޒު ފަހުމީ އެވެ. މިއަދުން ފެށިގެން އެ މައްސަލަ ބައްލަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކުރިން ބެއްލެވި ގާޒީ ބަދަލުކޮށްފައި ވަނީ ގާޒީ ބަދަލުކޮށްދިނުމަށް އެދި ދައުވާ ލިބޭ މީހެއްގެ އާއިލާގެ މީހަކު ކޯޓުގައި އެދުމުންނެވެ. ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ. މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމީހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ އެހެން ބޭފުޅެކެވެ. އެމީހުން ފުލުހުންގެ ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަކީލު ވަނީ މިއަދު ކޯޓުގައި އެދިވަޑައިގެންފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުންގެ ބަންދު ނޫން އެހެން ބަންދަކަށް އެމީހުން ބަދަލުކުރުމަށް ދައުލަތުން ބޭނުންނުވާ ކަމަށެވެ. އެމީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މީގެކުރިން ވަނީ ނަގާފައެވެ. އަރުހަމްގެ ހުރިހާ ވާރިސުން ވެސް ބުނެފައި ވަނީ އެމީހުން ބޭނުންވަނީ މަރުގެ ބަދަލުގައި މަރަށް މަރު ހިފުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ