ރާއްޖެއިން ސިޔާސީ ފިތުނަނަތަށް ނައްތާލަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުއްޖެއެވެ.
ގާސިމް މިހެން ވިދާޅިވީ ޖުމްހޫރީ ޕާޓީން ރޭ ގއ. ދާންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"ޑިމޮކްރަސީއެއްގެ މާނައަކީ ފިތުނަ ފަސާދަ އުފެއްދުމެއް ނޫން. ހިތަށް އެރިހާ ގޮތަކަށް ކަންތައްތައް ކުރުމެއްވެސް ނުމެ ނޫންމެ. ވިސްނުންތެރިކަމާއެކު ކަންތައްތައްކުރުން. ޑިމޮކްރަސީއިން ލިބިދޭ މިނިވަންކަމުގެ ބޭނުން ނުބައި ގޮތުގައި ހިފުމެއްވެސް ނުމެނޫންމެ. ހެޔޮގޮތުގައި ހިފުން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު ކަމެއް ގައުމަށް ކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އެއްވެސް މީހަކު ތިމާއަށް ގައުމު ކޮށްދިނީ ކޮންކަމެއްތޯ ބަލާނެކަމެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަފުޅު ޚަރަދުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޤައުމަށް ތަރައްޤީ ގެނައުމަށް ކަމަށާއި، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށެވެ.
ދުނިޔޭގައި އުޅޭއިރު އިންސާނަކަށް ވީތީ ވިސްނަންޖެހޭ އަދި ފިކުރުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެކަންކަމާއި ވިސްނުމަށްފަހު ރައްޔިތުންނަށް ފެންނަ އެންމެ ރަގަޅުގޮތް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ޚިޔާރުކުރާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑު އެކަމާއި ޝައްކެއް ނުކުރަން. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ރަގަޅަށް ވިސްނިފައިވަނީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖެއިން ސިޔާސީ ފިތުނަ ނައްތާލަންޖެހޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ