ގެއްލުމުގެ ބަދަލުގެ ގޮތުގައި 5 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު ގޮތުގައި ފަސް މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާ ކޮށްފިއެވެ.
ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދައުލަތުގެ ކިބައިން ނަގައި ދިނުމަށް އެދި ޑިފެންސް މިނިސްޓްރީގެ މައްޗަށް އަބްދުﷲ ގާޒީ ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 01:30 އަށް ވަނީ ތާވަލްކޮށްފައެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ކުރި ދައުވާ ސާބިތުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތް އިބްރާހިމް ކިލެގެފާނުގެ މައްޗަށެވެ.އެ މައްސަލާގައި ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަމުގެ ބަދަލު ނަޝީދަށް ދިނުމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށް އދ. ގެ އާބިޓްރަރީ ޑިޓެންޝަން ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 58 ވަނަ މާއްދާގައި ބުނެފައިވާގޮތުން ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފި ނަމަ ނުވަތަ ބަންދުކޮށްފިނަމަ އެކަމުގެ ބަދަލު އެމީހަކަށް ލިބިދޭންވާނެއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާ ޚިލާފަށް ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުން ރައީސް ޔާމީން އަށް 224،000ރ. ދޭން ސިވިލް ކޯޓުން ވަނީ މީގެ ކުރިން ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ