ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އިތުރު ޕާޓީތަކާއި މަޝްވަރާކުރަން ފަށާފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަސަންދުރާގައި ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް 42 ޕަސަންޓު ލިބިވަޑައިގެންނެވިއިރު ރައީސް ނަޝީދަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 25 ޕަސަންޓު ކަމަށާއި ނަމަވެސް ނަޝީދު ކޯލިޝަނެއް ހަދައިގެން މަސައްކަތްކުރުމުގެ ސަބަބުން 54 ޕަސަންޓު ރައީސް ނަޝިދަށް ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކަމަށެވެ.
އަދި މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ނިމިގެންދިޔައީ އޭގެ އަނެއްކޮޅަށް ކަމަށާއި ރައީސް ނަޝީދަށް 45 ޕަސަންޓު ފުރުތަމަ ބުރުގައި ލިބިވަޑައިގެންނެވިއިރު ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސަންޓު ކަމަށެވެ. ނަމަވެސް ކޯލިޝަނެއް ހެދިއްޖެނަމަ އެކަން ބަދަލުކޮށް ނަޝީދު ދެވަނަ ބުރުގައި ބަލި ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން މިހާރުވެސް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މަޝްވަރާކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ގައުމީ އިއްތިހާދު ޕާޓީ އާއި ޖުމްހޫރީ ޕާޓީއަކީ ރައީސް ނަޝީދާއި ދެކޮޅު ޕާޓީތައް ކަމަށްވާތީ ދެވަނަ ބުރުގައި ޕީޕީއެމް އާއި އެކު އެއް ބައެއްގެ ގޮތުގައި އެޕާޓީތަކުން ނިކުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ލިބިވަޑައިގެން ވޯޓުތަކުގެ ތެރޭގައި ޕީޕީއެމްގެ ވޯޓުތަކެއް ވެސް ހިމެނެ އެވެ.
ކޯލިޝަން ހެދުމަށް އިތުރު ޕާޓީތަކާއި މަޝްވަރާކުރަން ފަށައިފިން - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ