ރާއްޖޭގައި ދެން އިސްލާމިކް ސެންޓަރެއް ބިނާއެއް ނުކުރާނެ، ބިނާ ކުރާނީ ހައުސް އޮފް ވިސްޑަމް

ރާއްޖޭގައި ދެން އިސްލާމިކް ސެންޓަރެއް ބިނާ ނުކުރާނެ ކަމަށާއި ދެން ފަސް ސަރަހައްދެއްގައި ބިނާ ކުރާނީ ހައުސް އޮފް ވިސްޑަމް ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީ އަށް ނިސަބަތްވާ ކައުންސިލަރުންނަށް އަމާޒުކޮށް އެޕާޓީން ބޭއްވި ސެމިނާރުގައި ކައުންސިލަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.
ހައުސް އޮފް ވިސްޑަމް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެއް ކަމަށާއި އަށް ވަނަ ގަރުނާއި 12 ގަރުނާއި ދެމެދު ބަޣުދާދުގައި ވެސް އެފަަދަ ތަނެއް ހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ ދުނިޔޭގެ އެތަން މިތަނުން އިލްމުވެރިން ޒިޔާރަތް ކުރިތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދީނާއި ދުނިޔެވީ އިލްމު އެއްކޮށްލަން އެބަޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ވަކިގޮތަކަށް އަޅުގަނޑުމެން ފިކުރު ބައްޓަންވުން ހުއްޓުވުމަށް އިންޓަގްރޭޝަނެއް (މައްސުނިވުމެއް) އިލްމުވެރިންގެ ތެރެއަށް ގެންނަން އެބަޖެހޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން ބިނާ ކުރާ ސެންޓަރުތަކަށް އިސްލާމިކް ސެންޓަރޭ ނުކީ ގަސްދުގައި ކަމަށެވެ. "ކަނޑައެޅިގެން އިސްލާމިކް ސެންޓަރެއް ނުކީ. އެއީ ވަކި އިލްމަކަށް ހާއްސަ ނުކުރަން ވެގެން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިއީ ވިސްނުންތެރިކަމާއި އެކު ކޮށްފައި އޮތް ކަމެއް ކަމަށާއި މިއީ ވަކިވަކި ބައިބައިތައް ބަލާފައި ކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންދާ މިސްރާބު ތިބޭފުޅުންނަށް މިހާރު ސާފުވާނެ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިކަމަށް އަދި ކެބިނެޓުން ރުހުން ނުދިން ނަމަވެސް ކެބިނެޓްގައި ހައެއްކަ ދުވަހު މަޝްވަރާ ކުރެވި ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ