ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓް އިލްހާމް ވެސް ނަން ނަގައިފި

ގެމަނަފުށި ދާއިރާއަށް ކުރިމަތި ލައްވާފައިވާ މުހައްމަދު އިލްހާމް ވެސް ނަން އަނބުރާ ނަގައިފި އެވެ.
އިލްހާމް ކުރިމަތި ލާފައިވަނީ ލޭބާ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެވެ.
އިލްހާމްގެ ނަން އަނބުރާ ނެގުމާއެކު މިހާތަނަށް ތިން ކެންޑިޑޭޓަކު މިވަނީ ނަން ނަގާފަ އެވެ. އެއީ އިލްހާމްގެ އިތުރުން، މަހިބަދޫ ދާއިރާއަށް އެންޑީޕީ އިން ކުރިމަތިލި، އަލީ އަހުމަދު އަދި ހިތަދޫ މެދު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލި، ޒާހިދު ރަމީޒް އެވެ.
އިލްހާމްގެ ނަން ނެގި ވަކި ސަބަބެއް މިހާތަނަށް ސާފެއް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު ނަން ނަގާފައިވަނީ އެނގިފައިވާ ގޮތުގައި އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރުމުގެ ގޮތުން ނެވެ. އެމްޑީޕީން ވަނީ އަދާލަތު ޕާތީން ވާދަކުރާ ދެ ދާއިރާއެއްގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމާފަ އެވެ. އެއީ މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީން ކުރިމަތި ލާފައިވާ އަލީ އާސިމް، އަދި ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީން ކުރިމަތި ލާފައިވާ މުސަބު މުހައްމަދު އަށް ތާއީދު ކުރަން ނިންމާފަ އެވެ.
ނަން ނަގާފައިވާ ޒާހިދަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، "ނިއު ޕޯޓް" ގެ ހިއްސާދާރެއް ކަމަށް ވެއެވެ. އަދި އޭނާއަކީ ޕީޕީއެމްގެ އިސް އެކްޓިވިސްޓެކެވެ.
މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން އެންމެ ފުރަތަމަ ނިންމެވި ޒާހިދު ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ޕީޕީއެމުން ޕީޕީއެމް ޕީއެންސީން ތާއީދު ކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ހުސެއިން ޞާލިޙް އަށެވެ.
އެކަމާއި ގުޅިގެން ހިތްހަމަ ނުޖެހި ޒާހިދުވަނީ ޕީޕީއެމްގެ ކައުންސިލު މެމްބަރު ކަމުންނާއި ޕާޓީން ވަކިވެފައެވެ.
ޕީޕީއެމުން ވަކިވެ ޒާހިދު ރައީސް ޔާމީނަށް ޒާހިދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމެވީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި އެންޑޯސްމަންޓާއެކު ކަމަށެވެ. އެކަމަކު، ރައީސް ޔާމީނު ޖަލަށް ލުމާއެކު ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އާއި އޭނާ ކޮންޓްރޯލްކުރާ މަދު ބަޔަކު ޕީޕީއެމް އާއި ޕީއެންސީ ގެ ކޮންޓްރޯލް ނުހައްގުން ނަގައި، ޔާމީނުގެ ނަމުގައި އެކި ގޮތްގޮތުން ޕާޓީ ގަޑުބަޑުކޮށް އަމިއްލަ މަސްލަހަތު އިސްކޮށް މުޅި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ