ށ. ނޫމަރާ، ނ. ހެނބަދޫ އަދި ސ. މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި އެވެ.
މި ތިން މަޝްރޫއުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓަޗްޗާއިން ސޮއިކޮށްފައިވަނީ މިއަދު އެ މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ހެނބަދޫ އަދި މީދޫ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، ނޫމަރާ ބަނދަރުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަންއާއެވެ.
ސާސް އީ ކޮންސްޓްރަކްޝަނަށް ނޫމަރާ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓަކާއެކު އެއް އަހަރުގެ މުއްދަތަކަށެވެ. މި މަޝްރޫއުގައި ސާސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު އަބްދުﷲ ސަވާދު ސޮއިކުރެއްވި އިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން ނޫމަރާގައި 48 މީޓަރުގެ ގްރޯއިން ޖެހުމާއި، 63 މީޓަރުގެ ބޭރުތޮށި އަދި ދެ ނެރު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީއާއެކު ހެނބަދޫ އަދި މީދޫ ބަނދަރުގެ މަޝްރޫއުގައި ޕްލޭނިންގެ ފަރާތުން ޝާނާ ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އެމްޓީސީސީއާއި 300 ދުވަހުގެ މުއްދަތަކަށް 26 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހެނބަދޫ ބަނދަރުގެ މަސައްކަތް ނިންމުމަށް ހަވާލުކުރި އިރު މީދޫ ބަނދަރުގެ މަސައްކަތް 35 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓަކަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.
މި ތިން ބަނދަރުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުންނެެވެ.
ނޫމަރާ، ހެނބަދޫ އަދި މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ