މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފުވާން ފުރުސަތެއް ނުދޭނަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ގަވައިދުތަކާ ހިލާފުވާން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ގާސިމް ވަނީ ދާދި ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ކޯލިޝަން ހަދައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެއްބަސްވެފަ އެވެ. އެގޮތަށް އެކަން ހިނގާފައި ވަނީ ސަރުކާރު ކޯލިޝަނުން އެއްކޮށް މަޖިލިސް އިންތިހާބުގައި ވާދަ ކުރަން އެއްބަސްވުމަކަށް ނާދެވި ހިނގި ހިޔާލުތަފާތުވުމުގެ ތެރެއިންނެވެ. ގާސިމް 'ސަން' އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތަށް އައި ވެރިކަމަށް މަސް ދުވަސް ނުވަނީސް އަނިޔާވެރިވީ ކޮންބައެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ވެރިކަމަށް އައުމުގެ ކުރިންވީ ވައުދުތަކާއި އަހުދުތަކަަށް ފާޅުގައި ދެކޮޅު ހަދަނީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވި އެވެ. "މަޖިލިސްއަށް ކުރިމަތިލުމަށާއި އަދި މަޝްވަރާކޮށްގެން ނިންމަން ހުރި ކަންކަން މަޝްވަރާކޮށްގެން ކުރަމުން ގެންދިއުމާއި، އިސްލާމް ދީނުގައި ކަނޑައެޅިގެން ބޮޑު ފާފައިގެ ގޮތުގައި ހިމެނޭ ހަރާމް ކަންކަން ކުރުމަށް ހިތްވަރުލިބޭ ގޮތަށް، ސަލާން ޖަހަން ގެންގުޅު ނާށިގަނޑު މަތިން ހަނދާން ނެތުން." ގާސިމް އިބްރާހިމް ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް --- ގާސިމް ފާހަގަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ފަހު އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ސިޔާސީ ލީޑަރުން ކަަމަށް ވިދާޅުވެ، އެ ވިދާޅުވުމަށް ވެސް އަމަލުނުކުރައްވާ ކަމެވެ. އޭރު ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މަހަކު އެއް ފަހަރު ސިޔާސީ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބާއްވައި އެންމެ މަތީ މަޝްވަރާ ލީޑަރުން އަރުވާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް ހަތަރު މަސް ވީ އިރު އެބައްދަލުވުން ބާއްވާފައި ވަނީ އެންމެ ފަހަރަކު އެވެ. "ބާރާއި އާރު އަދި މަގާމު ލިބުމުން އެކަންކަން ލިބެން މެދުވެރިވި ސަބަބު ހަނދާން ނެތުމާއި، ގާނޫނު އަސާސީ އާ ހިލާފަށް ގާނޫނު ހަދައިގެން ބާރު ހޯދަން މި އުޅުއްވަނީ ކޮންބައެއްތޯ.؟ މިގޮތަށް ގާނޫނުތައް ހަދައިގެން މި އުޅުއްވަނީ ކޮން ބަޔަކަށް ކާކަށް އަނިޔާވެރިވާންތޯ.؟" ގާސިމް އިބްރާހިމް ވިދާޅުވި އެވެ. "އަޅުގަނޑު މަޖިލީހުގެ ރައީސަކަށް ހުއްޓައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި ގަވައިދުތަކާއި އެއްވެސް ކަމެއް ކިތަންމެ ރުޅިގަދަވިޔަސް ނުހިންގޭނެ. ނުހިންގާނަން. ނުވެއް ކުރާނަން." ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ޖުމްހޫރީ ޕާޓީއާ އެކުވީ އެއްބަސްވުން ހަނދާން ހުރިތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. އަދި އޭރު އިދިކޮޅުގައި ތިއްބަވައި ހަތަރު ޕާޓީ ހިމެނޭ ގޮތަށް އުފެއްދެވި އަށާރަ ނަވާރަ ކޮމިޓީގައި ރައީސް ސޯލިހު ވެވަޑައިގެންނެވި އެއްބަސްވުންތައް ހަނދާން ހުރިތޯ ވެސް ގާސިމް ސުވާލު ކުރެއްވި އެވެ. "އެ އެއްބަސްވުންތަކާއި ވީ ވައުދާ އަހުދާއި އެއްގޮތަށްތޯ ހުރިހާކަމެއް މިދަނީ. ތިޔަ ގޮވަނީ ގުދޯ ގުދޯ. ގުދު ނެތް މީހާއާ ދިމާލަށް ހަތް ގުދު އޮތް މީހާ." ގާސިމް އިބްރާހިމް ވިދާޅުވި އެވެ. ގާސިމް އެހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވަމުން ދާ ދަނޑިވަޅެއްގަ އެވެ. މަޖިލީހަށް އެމްޑީޕީ އިން 86 ދާއިރާއަށް ވާދަކުރާ އިރު ޖުމްހޫރީ ޕާޓީން ވާދަކުރަނީ 42 ދާއިރާ އަށެވެ. އެމްޑީޕީގެ ކެމްޕެއިނުގައި ރައީސް ސޯލިހު އަމަލީ ގޮތުން ދަނީ ބައިވެރިވަޑައިގަންނަވަމުންނެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ވިދާޅުވި ނަމަވެސް ރައީސް ސޯލިހު ވިދާޅުވަނީ އެހެން ޕާޓީތަކަށް ދެރަގޮތެއް ނުހައްދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ