ނައިބު ރައީސްގެ ރައްދު ޔާމީނަށް : ރައްޔިތުން ތިބީކީ އިދިކޮޅަށް ސުޕަ މެޖޯރިޓީ ދޭ ގޮތަކަށް ނޫން

ރާއްޖެއަށް ހަމަޖެހުމެއް ގެނެވެން އޮތީ އިންތިޚާބުގައި ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ރައްދުދެއްވައިފިއެވެ.
މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެ އަށް ހަމަޖެހުން ގާއިމު ކުރަން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރަށް އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށެވެ.
"ރައްޔިތުން ތިބީކީ އިދިކޮޅު ފަރާތްތަކަށް ސުޕަ މެޖޯރިޓީ ދޭ ގޮތަކަށް ނޫން، ރައްޔިތުންނަކީ ވިސްނުން ތޫނު، ކުރިއަރައިގެން ދާން ބޭނުންވާ ބައެއް " އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރަނީ އެ މެމްބަރެއްގެ އަމިއްލަ އެޖެންޑާ ކުރިއަށް ނެރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ހާސިލް ކުރާކަށް ނޫނެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުން އަނިޔާވެރިކަން އިސް ކުރިއިރު، ހުރިހާ މުއައްސަސާއެއް އޮތީ "މުށުތެރޭގައި" ކަމަށެވެ. އަދި ރައްޔިތުންނަކީ ފަހަތަށް ފިޔަވަޅު އަޅާނެ ބައެއް ނޫން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
" އާރާއި ބާރު ދުނިޔޭގެ ވެރިއަކަށް ނުލިބޭ ވަރަށް ލިބުނު. ރައްޔިތުން އެ ފަހަރު ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ދިން އެކަމަކު އޭގެ ބޭނުން ނަހަނަ ގޮތުގައި ހިފީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ހާލަތު ދަށު ދަރަޖައެއްގައި އޮތީ ރާއްޖެ އަށް ލިބުނު މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުން ކުރީމަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ