އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުގެ އަޟްހާ އީދު ނަމާދު ވެސް މޫސުން ރަނގަޅު ނަމަ އޮންނާނީ ބޮޑު ޖަމާއަތުގައި ސްޑޭޓިއަމް ސަރަހައްދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ ފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ނައިބު އަހުމަދުﷲ ޖަމީލު ވިދާޅުވީ މާލޭ ސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރިއަށް ގެންދަން ނިންމާފައި ވާއިރު އަތޮޅު ތެރޭގެ ދިހަ ރަށަކުން ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެކަން އަންގާފައިވާ ކަމަށެވެ.
މާލޭ ސިޓީގައި ބޮޑު ޖަމާއަތް ހެދުމާއި މާލޭގެ އިތުރު މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި ގުޅޭ ގޮތުން އަހުމަދުﷲ ވިދާޅުވީ، މާލޭ ސްޓޭޑިއަމް ސަރަހައްދުގައި ތިން ޓާފް ދަނޑެއް އޮންނައިރު އެތަނުން ދެ ދަނޑު ހާއްސަ ކުރެވިފައި ވަނީ ފިރިހެނުންނަށް ކަމަށެވެ.
އެގޮތުން އެންމެ ފަހުން ޓާފް އެޅި ދަނޑަކީ އަންހެނުން އީދު ނަމާދު ކުރަން ހާއްސަ ކުރެވިފައިވާ ސަރަހައްދުކަން ފާހަގަކޮށް އަހުމަދުﷲ ވިދާޅުވީ، އެ ހުރިހާ ސަރަހައްދެއްގައި ވެސް ވުޟޫ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރުން އަހުމަދުﷲ ވިދާޅުވި ގޮތުގައި މިއަހަރު ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ ސަރަހައްދަށް ފަސޭހައިން ވަދެވޭނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފަ އެވެ. އަދި އެ ސަރަހައްދުން އެހީތެރި ކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކެޑޭޓާއި ގާލް ގައިޑުގެ ފަރާތުން ވެސް ހަރަކާތްތެރިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ބޮޑު އީދު ނަމާދު ހުޅުމާލޭގައި ވެސް ސްޓޭޑިއަމުގައި ކުރަން ނިންމާފައިވާކަން ހާމަކޮށް އަހުމަދުﷲ ވިދާޅުވީ، އެޗްޑީސީއާއެކު މަޝްވަރާ ކުރެވިގެން އެ ތައްޔާރީތައް ވެސް މިހާރު ވަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ވިލިމާލޭގައި ވެސް ފުޓްބޯޅަ ދަނޑުގައި ޖަމާއަތުގައި ދީނު ނަމާދު ކުރުން އޮންނާނެ އެވެ.
އީދު ނަމާދު ކުރާ ވަގުތު އެހެން އަހަރުތަކޭ އެއްގޮތަށް މިފަހަރު ވެސް ސްޓޭޑިއަމް ސަރަހައްދު ބަންދުކުރާނެ އެވެ. އެގޮތުން ފިތުރު އީދުގައި ބަންދުކުރި މަގުތަކުގެ އިތުރަށް ބައެއް މަގުތައް ބަންދުކުރާނެ ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ. އެގޮތުން ބަންދުކުރާ މަގުތަކުގެ ޗާޓު އަދި އާންމު ނުކުރެވެނީ އެ މަގުތައް އެއްކޮށް ކަނޑަނޭޅޭތީކަން ފާހަގަކޮށް އަހުމަދުﷲ ވަނީ ވަރަށް އަވަހަށް މަގުތައް ވެސް އާންމުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އީދު ނަމާދު ކުރާ ވަގުތު މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ވެސް ހަރަކާތްތެރިވާއިރު ނަމާދަށް ދާ މީހުންގެ އުޅަނދު ފަހަރު ޕާކު ކުރުމަށް ވެލިދަނޑު ހާއްސަ ކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސިއްހީ އަވަސް ފަރުވާއެއް މީހަކަށް ދޭން ޖެހިދާނެ ހާލަތަކަށް ބަލައި އެމްބިއުލާންސްގެ ހިދުމަތް ވެސް އެސަރަހައްދުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ފިތުރު އީދު ނަމާދު ކުރަން ވެސް ފުރަތަމަ ނިންމީ ސްޓޭޑިއަމް ސަރަހައްދުގައެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފަހު ވަގުތު ކެންސަލު ކުރަން ޖެހުނުއިރު އަހުމަދުﷲ ވިދާޅުވީ، އެހެންވެ، މެޓް އޮފީހާއި ގުޅިގެން މޫސުން ލަފާކުރާ ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެ އިދާރާއިން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އީދު ނަމާދުކުރާއިރު ވިއްސާރަ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މޫސުން ރަނގަޅުނަމަ މާލޭގައި އަޟްހާ އީދު ނަމާދު ކުރާނީ ބޮޑު ޖަމާއަތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ