ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ދަތިވާނެ: ދުންޔާ މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކުރިއަށް އޮތްތާ ސިޔާސީ މަސައްކަތް ކުރެއްވޭނެކަމަށް ހީފުޅުނުވާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ މައުމޫން މިހެން ވިދާޅުވީ މިއަދު ވީޓީވީން ގެނެސްދިން "ހަމީދުގެ މެހެމާސަރާ" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ނިމިދިޔަ ސަރުކާރުގެ ބޭފުޅުންނާއެކު ނުވަތަ ރައީސް ޔާމީނާއެކު، ކުރިއަށް އޮތްތާ ސިޔާސީ މަސައްކަތް ކުރެވިދާނެތޯ ދެންނެވުމުން ދުންޔާ ވިދާޅުވީ ރައީސް ޔާމީނާއެކު ކުރިއަށް އޮތްތާ ސިޔާސީ މަސައްކަތް ކުރެއްވޭނެހެން ހީފުޅުނުވާކަމަށެވެ. ދުންޔާ ވިދާޅުވީ ފެނުނީ ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔަ މަންޒަރުކަމަށެވެ.
ވަކިން ޚާއްސަކޮށް، ރައީސް މައުމޫން ޖަލުގައި ބަންދުކުރައްވައިގެން ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވިކަންކަމަކީ ގަބޫލުކުރެއްވޭނެކަމެއް ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ ރައީސް މައުމޫން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރެއްވޭތޯ ވަރަށް ގިނަ މަސައްކަތް ކުރެއްވިކަމަށާ ނަމަވެސް އެކަމުގައި އެންމެ ތަންފުކެއްވެސް ދޫދެއްވަން އޭރުގެ ސަރުކާރުން ބޭނުންނުވިކަމަށެވެ. ރައީސް ރައީސް މައުމޫނާއިމެދު، ރައީސް ޔާމީން އެފަދައިން އަމަލުކުރެއްވިއިރު، އެއީ އެއްބަފާ ބޭބެކަންވެސް އެނގިވަޑައިނުގެންނެވިކަމަށް ދުންޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ނުދަންނަވާކަން އެ ސަރުކާރުގެ ހުރިހާ ބޭފުޅުންނެކޭ. އަޅުގަނޑަށް ހީވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަން ގޮސް އޮތީމަ، އަޅުގަނޑު ވަރަށް މަސައްކަތްކުރިން ދެެއްތޯ 2018ގެ ގިނަ މަސްތަކުގައި އަޑުއުފުލާފައިވަނީ ބައްޕަ ގެއާއި ހިސާބަށް ގެނެސްދެއްވާށޭ. ބަލި ހާލަތު، އުމުރުފުޅު ހުރިގޮތުންނާއެކުވެސް. އެކަމަކު އެވަރު ތަންފުކެއްވެސް ދޫނުދެއްވާ އަމިއްލަ ބްރަޑާއާުއިމެދު. އެހެންވީމަ އަޅުގަނޑަށް ދަތިވާނެ ދެއްތޯ." ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މައުމޫން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ. އެކަމަނާ މަގާމުން އިސްތިއުފާދެއްވީ ރައީސް ޔާމީނާއި، ރައީސް މައުމޫންގެ ގުުޅުން ވަރަށް ބޮޑަށް ގޯސްވެ، ދުންޔާގެ ކޮއްކޮ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް އޭނާ ޖަލުގައި ބަންދުކުރައްވާފައިވަނިކޮށެވެ. ނަމަވެސް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމުގެ މަގުސަދުގައި ފަހުންވެސް ދުންޔާ ވަނީ ސަރުކާރާއި ގުޅިވަޑައިގެން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގެންފައެވެ.
ފަހުން އެމަގާމުންވެސް އިސްތިއުފާދެއްވީ، ސަރުކާރުން އެކަމަނާގެ އާއިލާއަށް ވަރަށް ބޮޑަށް ގޯނާކޮށް، ރައީސް މައުމޫނާއި، ފާރިސް މައުމޫން ޖަލުގައި ބަންދުކުރެއްވުމާއި ގުޅިގެންނެވެ.
ދުންޔާ ވިދާޅުވީ ލިބިވަޑައިގެން ހުންނެވި ތަޖުރިބާގެ އަލީގައި ގައުމަށް ޚިދުމަތްކުރުމުގައި ދެމި ހުންނަވާނެކަމަށެވެ. އަދި ސިޔާސީގޮތުންނާއި، އިޖުތިމާއީގޮތުން އިތުރު ޚިދުމަތްތަކެއް ކޮށްދެއްވުމަކީ އުންމީދެއްކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ވަކި ބޭފުޅަކާއެކު ސިޔާސީގޮތުން މަސައްކަތް ނުކުރެއްވުނުނަމަވެސް، ގައުމުގެ ޑިމޮކްރަސީއަށްޓަކައި ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ތަރައްގީކޮށް، އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު އޮންނަންވާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ