ސިޔާސަތުތަކާމެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރުމަކީ ސަރުކާރުން އެދޭ ގޮތް: ހޯމް މިނިސްޓަރު

ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ވިންދާއި ރޫހު ހުންނަ ގޮތް މީޑިއާ މެދުވެރިކޮށް ހާމަކުރުމަކީ ސަރުކާރުން އެދޭ ގޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި މިނިސްޓަރުގެ މެސެޖުގައި އިމްރާން ވިދާޅުވީ ނޫސްވެރިކަން ކުރިއަރުވާ ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ނޫސްވެރިކަން ކުރިއަރުވާ ތަރައްގީކޮށް، ގައުމީ ތަރައްގީ އާއި، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ނޫސްވެރިންނަށް މިނިވަންކަމާއެކު އެމީހުންގެ ދައުރު އަދާކުރެވޭނެ މާހައުލެއް ގާއިމް ކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއް،" އެ މެސެޖުގައި ވެއެވެ.
އޭގެ އިތުރުން ދައުލަތުގެ ކަންކަމަށް ފާރަވެރިވެ، ކަންކަން ހިނގާ ގޮތާ މެދު ރައްޔިތުންގެ ސަމާލުކަން ގެނައުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އިމްރާންގެ މެސެޖުގައި ފާހަގަކޮށްފައި ވެއެވެ.
"ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ވިންދާއި ރޫޙު ހުންނަގޮތް ރީތިކޮށް ފެންނާނެހެން ލިޔެ، އިއްވައި، ދެއްކުމަކީ ސަރުކާރު އެދޭގޮތް،" އިމްރާން ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ބައިނަލްއަގްވާމީ ޕްރެސް ފްރީޑަމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ މިންގަނޑުން ރާއްޖެ ވަނީ 22 ދަރަޖަ ކުރިއަށް ޖެހިލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ