އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ރައީސް މަޝްވަރާ ކުރައްވައިފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެނަކައިގެ އިސްވެރިންނާއި މިއަދު މަޝްވަރާ ކުރައްވައިިފިއެވެ.
މި މަޝްވަރާތަށް ރައީސް ސޯލިހު ކުރައްވާފައިވަނީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ހިތަދޫގައި ހުންނަ ފެނަކައިގެ އޮފީހަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސްގެ މި ޒިޔާރަތުގައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއާ ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފެނަކައިގެ އޮފީހަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި ވަނީ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ މައުލޫމާތު އޮޅުންފިއްލުވާ އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރައީސް އައްޑޫގެ ފެނަކައިގެ އޮފީހަށް ވަޑައިގެންނެވިއިރު، މި ދުވަސްވަރަކީ އައްޑޫގެ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ކޮންމެ ދުވަހަކު އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭއިރު އާއްމުންނަށް ވަނީ މިކަމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މިއަދު އެއްވެސް އިރެއްގައި ކަރަންޓު ކެނޑިފައި ނުވެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިހާރު ވަނީ އެ ސިޓީ އަށް 1.2 މެގަވޯޓު އަދި 800 ކިލޯވޯޓްގެ ދެ ޖެންސެޓާއި، 2000 ކިލޯވޯޓު އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރ ފޮނުވުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ