ފާރިސް އަކީ ޕީޕީއެމްގެ މެމްބަރެއް، މަސައްކަތް ކުރައްވަނީ ރައީސް މައުމޫންގެ އިރުޝާދުގެ ދަށުން: މައުމޫން ފެކްޝަން

ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ މެމްބަރު،އަހުމަދު ފާރިސް މައުމޫން އަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށާއި ފާރިސް މަސައްކަތް ކުރައްވަނީ ރައީސް މައުމޫންގެ އިރުޝާދުގެ ދަށުން ކަމުގައި ޕީޕީއެމްގެ ރައީސްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ކައުންސިލް މެންބަރު، އަދި ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ޕީ.ޕީ.އެމް ތަމްޞީލު ކުރައްވަމުން ގެންދަވާ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙުމަދު ފާރިސް މައުމޫން އަކީ މިހާރުވެސް މިޕާޓީގެ މެންބަރެއް ކަމަށެވެ.
“އަޙުމަދު ފާރިސް މައުމޫން އަކީ ޕާޓީގެ ޤައުމީ ޖަލްސާއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޕީ.ޕީ.އެމް ގެ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު ޕާޓީއިން ވަކި ކުރިކަމަށް ބުނާއިރު ޕާޓީގެ އެއްވެސް ގުނަވަނަކުން އެމަނިކުފާނު ވަކި ކުރިކަމަށް ބުނާ ޕާޓީގެ އެއްވެސް ލިޔުމެއް މިއަދާއި ހަމައަށް އެމަނިކުފާނަށް ލިބިވަޑައިގަންފައެއް ނުވޭ، އަދި ޕީ.ޕީ.އެމް އިން އެމަނިކުފާނު ވަކިކުރިކަމަށް ބުނާ މައްސަލަ ފާރިސް ވަނީ ކޯޓަށް ހުށަހަޅުއްވާފައި،  އެ މައްސަލާގައި މިއަދާއި ހަމައަށް އާއިރުވެސް ގޮތެއް ނިންމާފައި ނުވާއިރު އެ މަނިކުފާނު ޕާޓީއިން ވަކިވިކަމަށް ބެލެވޭނެ ޖާގައެއް އޮތްކަމަކަށް ނުދެކެން،  އަދި އެމައްސަލަ 6 އެއްކަ ފަހަރު މަތިން މަދަނީ ކޯޓުގައި ޝެޑިއުލް ކުރެވި މައްސަލަ ކުރިޔަށް ނުގެންދެވިފައިވަނީ އެމައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކުން ހާޒިރުނުވުމުގެ ސަބަބުން” އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީގެ ޤައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވައިދުތަކާއި ޚިލާފަށް ފާރިސް މައުމޫން އެއްވެސް ކަމެއް ކުރައްވަމަކުން ގެންދަވާފައި ނުވާ ކަމަށެވެ. އަދި އަޙްމަދު ފާރިސް މައުމޫން މި ވަގުތު ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ، ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ޙައިސިއްޔަތުން އެ މަނިކުފާނު ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި، ޕާޓީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކުރައްވަމުންގެންދަވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން މިފަދަ ޤައުމީ މަސައްކަތަކަށް ފިތުނަފަސާދަ އުފެއްދުމޭ ކިޔައި، ދިވެހި ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އަދި ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެން ވާ ޙައްޤެއްކަން މިފުރުސަތުގައި ފާހަގަ ކުރާކަމުގައި އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ