ސުޕްރީމް ކޯޓަށް ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ފުރުސަތު ދީފި

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް އެ ކޯޓުން ބަލާ މައްސަލަ އަށް ޖަވާބުދާރީވުމަށް، މެމްބަރުންނަށް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަންގެ އިތުރުން ކޮމިޝަންގެ މެމްބަރު އަލީ މުހަންމަދު މަނިކާއި މުހަންމަދު ފާރޫގު މިއަދު މެންދުރު ވަނީ އެ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ ބޭފުޅުންނަށް ކޯޓުން ފޮނުވި އަމުރުގައި ވަނީ ކޮމިޝަންގެ ޕްރެސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮމިޝަންގެ މެމްބަރުން ވާހަކަ ދައްކަވާތީ އާއި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާނުލަން ކޯޓުން ކުރި ހުކުމާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށުމަށް ފަހު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ އެއީ އެ ކޮމިޝަންގެ މެމްބަރުން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ގަބޫލުކުރެއްވޭތީ ކޯޓުގެ އިސް ނެގުމަށް ބަލާ މައްސަލައެއް ކަމަށެވެ.
އެކަމަށް ޖަވާބުދާރީވުމަށް ކޮމިޝަނަށް ފުރުސަތު ދެއްވުމުން އެ ކޮމިޝަންގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ ލިޔުންތައް ދިރާސާކުރުމަށް ފަހު ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
ސިރާޖް އެގޮތަށް ވިދާޅުވުމުން ފަސް މިނެޓަށް މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން ފަށައި، އުއްތަމަ ފަނޑިޔާރު އިއުލާން ކުރެއްވީ ޖަވާބުދާރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދޭ ކަމަށެވެ. އަދި ދެން ޝަރީއަތުގެ މަޖިލިސް އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އުއްތަމަ ފަނޑިޔާރާ އެކު އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގެ އިސް ނެގުމަކަށް ބަލާއިރު އެ ކޯޓުން ވަރަށް ފަހުން ވަނީ ކޯޓުގެ އިސް ނެގުމަށް މައްސަލަތައް ބެލުމާ ބެހޭ ގަވާއިދެއް އެކުލަވާލައިފަ އެވެ. އެ ގަވާއިދަށް ކިޔަނީ "ސުމޯޓޯ" މައްސަލަތައް ހިންގުމާ ބެހޭ ގަވާއިދެވެ.
ސުޕްރީމް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްކަން ކުރިން އަންގާފައި ނެތުމުން ގިނަ ނޫސްވެރިންނަށް އެ މަޖިލީހަކަށް ނުވަދެވެ އެވެ. މީގެކުރިން ގާނޫނީ ވަކީލް ހުސްނުއް ސުއޫދާއި ހިސާން ހުސައިންގެ އިތުރުން ހަސަން ލަތީފް ސުޕްރީމް ކޯޓަށް ހާޒިރުކުރިއިރު އެ މަޖިލިސް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވައި ނުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ