ކޯޓު އަމުރާއެކު ފޮނުވުމުން ވެސް ކްރިމިނަލް ކޯޓުން މައްސަލަތައް އަނބުރާ ފޮނުވާލައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަކު ނެތް ނަމަވެސް ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ޕީޖީ އޮފީހުން މައްސަލަތައް ފޮނުވުމުން ވެސް އެ މައްސަލަތައް ބަލައިނުގަނެ ކްރިމިނަލް ކޯޓުން މިއަދު އަނބުރާ ފޮނުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުނީ ޕީޖީއަކު ނެތް ނަމަވެސް މައްސަލަތައް ބަލައިގަތުމަށާއި ކުރިއެކޭ ވެސް އެއްގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ އަމުރު ލިބިފައިނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައްސަލަތައް ބަލައިނުގެންފަ އެވެ.
ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގެ ކޮޕީއަކާ އެކު މައްސަލަތައް މިއަދު ފޮނުވުމުން ކޯޓުގެ ކައުންޓަރުން ވެސް މައްސަލަތައް ބަލައިނުގަތް ކަމަށާއި މައްސަލަތައް ބަލައިނުގަންނަން ނިންމީ ކޮން ބޭފުޅަކުކަން ވެސް ކޯޓުން ނުބުނި ކަމަށެވެ. ނަމަވެސް މާދަމާ އެ މައްސަލަތައް އަލުން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
" މިއަދު ފޮނުވި 35 މައްސަލަ ވެސް އަނބުރާ ފޮނުވާލީ، އަޅުގަނޑުމެން އެ މައްސަލަތައް މާދަމާ އަލުން ފޮނުވާނަން" ޝަމީމް ވިދާޅުވި އެވެ.
ކޯޓުން މައްސަލަތައް ބަލައިނުގަންނާތީ ޕީޖީ އޮފީހުގައި މައްސަލަތައް ފުނިޖެހުމުން ޕީޖީ އޮފީހުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަތް ނަމަވެސް އެހެން ދަށު ކޯޓުތަކުންނާއި ހައި ކޯޓުން ވެސް ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަންނަމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ