ޖޭއެސްސީގައި ހިމެނޭ ރައީސްގެ މެމްބަރު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރަމުން އެބަދެ އެވެ.
މީގެ ކުރިން ސަލީމް ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. އޭރު ފުލުހުން ބުނެފައިވަނީ ސަލީމް ހާޒިރުކުރީ ގްރޫޕެއް ފޮނުވައިގެން ފައިސާތަކެއް ހޯދަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ސަލީމް ދޮގުކުރައްވަ އެވެ.
އެނގިފައިވާ ގޮތުގައި ސަލީމް ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ދޭންޖެހޭ ތަނެއް ނެތް ކަމަށެވެ. އެއާއެކު އެ މައްސަލަ ފުލުހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް އިއްޔެ ހައި ކޯޓުން ވެސް ނިންމީ އެފަދަ އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށެވެ.
ސަލީމް ހައްޔަރުކުރަން ފުލުހުން އުޅެނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލައާ ގުޅިގެން ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެ އެވެ.
ޖޭއެސްސީގެ މެމްބަރަކަށްވުމުގެ ކުރިން ސަލީމަކީ ސިޔާސީ ބައެއް ފަރާތްތަކުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ