ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ވާހަކަފުޅު ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނު ހުންނެވި ސިޔާސީ ފިކުރަށް ތާއީދު ހޯއްދެވުމަށް ކަމަށާއި އެއީ ކުށަކަށް ނުވާނެ ކަމުގައި ގާސިމްގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހިންގަމުން ގެންދާ މ. ކުނޫޒުގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް ދެއްކެވި ވާހަކަފުޅާ ގުޅިގެން އެއީ ރިޝްވަތު ދިނުން ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ގާސިމް ދެއްކެވި ވާހަކަފުޅުގެ ބައެއް އަޑުއިއްވާފަ އެވެ. އެއަށްފަހު ގާސިމްގެ ގާނޫނީ ޓީމުން ވަނީ ދައުވާއަށް ޖަވާބުދާރީވެފަ އެވެ. މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާގެ އަޑުއެހުމެވެ.
ދައުލަތުން އުފުލާފައިވާ ދައުވާގެ ސީޣާގައިވާ އިބާރާތުން ވާހަކަދައްކަވާފައި ނުވާނެ ކަން ފާހަގަކުރައްވާ ގާސިމް ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
ދައުވާ އަށް ޖަވާބު ދެއްވަމުން ގާސިމްގެ ގާނޫނީ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ހިސާން ހުސައިން ވިދާޅުވީ ގާސިމް ރިޝްވަތު ދެއްވަން އުޅއްވި ކަމަށް ދައުލަތުން ބުނާއިރު ރިޝްވަތު ދެއްވި މީހެއްގެ މައުލޫމާތާއި ރިޝްވަތުގެ ގޮތުގައި އެމީހަކަށް ލިބުނު މަންފާއެއް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި އެމީހަކަށް ލިބުނު މަންފާއަކީ ގާނޫނުން މަނާކުރާ މަންފާއެއް ނަމަ އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތް ހިންގުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުން ހުއްދަ ކުރާ ކަމެއް ކަމަށާއި ގާސިމުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެގޮތުގެ މަތިން ކުރެވުނު ކަމަކާ ގުޅުވައިގެން ކަމަށެވެ. ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ ގާސިމުގެ ފިކުރަށް ތާއީދު ހޯދުމަކީ ކުރެއްވޭނެ ކަމެއް ކަމަށާއި ގާސިމް ވާހަކަދެއްކެވީ ގާނޫނު އަސާސީ 27 ވަނަ މާއްދާއިން ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކަމަށެވެ. ހިޔާލުފާޅުކޮށްގެން ގާސިމަށް ދައުވާކުރާ ނަމަ ކުރަންޖެހޭނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަމަށްވެސް ވިދާޅުވި އެވެ. ސަބަބަކީ ހިޔާލުފާޅު ކުރުން ހަނިކުރާ ގާނޫނަކީ އެ ގާނޫނު ކަމަށްވާތީ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ސިޔާސީ ފިކުރުތަކަށް ތާއީދު ހޯދަން ވައުދުވުމާއި ކުރާނެ ކަންކަމުގެ ވާހަކަ ދެއްކުމަކީ ކުށެއް ނޫން ކަމަށް މީހުން ބަލައިގެންފައިވާ ކަންތައްތަކެއް ކަމަށެވެ. ވައުދުތަކުގެ ތެރޭގައި މިސަރުކާރުގެ ބައެއް ވައުދުތައް ކަމަށްވާ "ބެޔަސް ނުބެޔަސް" އާއި "ހުސްނުވާ އާސަންދަ" ފަދަ ވައުދުތައް މިސާލެއްގެ ގޮތުގައި ހިސާން ވަނީ ފާހަގަކުރައްވާފަ އެވެ. އިންތިހާބުތަކުގައި އެކި ކަންކަމަށް ވައުދުވެ ސިޔާސީ ފިކުރަށް ތާއީދު ހޯދުމަށް ކުރާ ކަންކަން އެއީ ކުށެއް ކަމަށް ބަލާނަމަ ރާއްޖޭގައި ރިޝްވަތު ނުދެއްވާ ބޭފުޅަކު ނުހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުވާކުރަންވާނީ އެ ވާހަކަފުޅެއް ދެއްކެވި ވަގުތާ މާހައުލަށް ވެސް ބެލުމަށްފަހު ކަމަށެވެ. އަދި ބޭފުޅަކު ދައްކަވާ ވާހަކައެއް ވަކިގޮތަކަށް މާނަކޮށްގެން މީހުން ކުށްވެރިކުރުން އެއީ ދައުލަތަކުން އަމަލުކުރަންޖެހޭނެ ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ ގާސިމުގެ އޯޑިއޯ އެނަލިސިސް ފުލުހުން ހަދާފައިވަނީ އެމަނިކުފާނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައިވަނިކޮށް ކޯޓު އަމުރެއް ދައްކާ ފުލުހުންނަށް އެއްބާރުލުން ނުދެއްވައިފިނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އިންޒާރު ދީގެން ކަމަށެވެ. މިމައްސަލާގައި ގާސިމުގެ ގާނޫނީ ޓީމުން ވާހަކަދައްކަން މަސައްކަތް ކުރުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ އެ ވާހަކަތައް ހުއްޓުވާފަ އެވެ. ބާރީ ވިދާޅުވީ ގާސިމުގެ އޯޑިއޯ އެނަލިސިސް ރިޕޯޓް ފުލުހުން ހެދީ ކޯޓު އަމުރަކުން ކަމަށްވާތީ އެކަމާ މެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފް ކޯޓުގައި އެވާހަކަ ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ދައުލަތުން ޖަވާބުދޭން ޖެހޭ ގިނަ ސުވާލުތަކެއް ހިސާން ވަނީ ދައުލަތާ ކުރިމަތިކުރައްވާފަ އެވެ. އެގޮތުން ހިސާން ވަނީ ގާސިމް ރިޝްވަތުގެ ގޮތުގައި ދެއްވީ ގާނޫނީ ގޮތުން މަނާ މަންފާއެއްތޯ އާއި، ވަކި ގޮތަކަށް ވޯޓު ދޭން ބުނުމަކީ ނުފޫޒު ފޯރުވުން ކަމަށް ވަނީ ކިހިނެއްތޯ އާްއި، ވޯޓު ނުދޭން ބުނުމަކީ ކުށެއްތޯ އާއި އަދި މަޖިލީހަށް ކުރިމަތިލުމަށް ދާއިރާގެ ޓިކެޓް ދިނުމާއި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއްތޯ ސުވާލުކުރައްވާފަ އެވެ.
ގާސިމުގެ ގާނޫނީ ޓީމުން ދެއްކެވި ބައެއް ވާހަކަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ގާސިމުގެ މައްޗަށް ކުރާ ދައުވާ އަކީ ރިޝްވަތު ދިނުމުގެ ދައުވާގެ ބަދަލުގައި ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ ކަމަށެވެ. ގާސިމު ވާހަކަފުޅު ދެއްކެވީ މަޖިލިސް މެންބަރުންނަށް އެކަނި ބައިވެރިވެވޭ ވޯޓަކާއި ގުޅުވައިގެން ކަމަށާއި އެހެންކަމުން ގާސިމު ރިޝްވަތު ދޭން އުޅުއްވީ މަޖިލިސް މެންބަރުންނަށް ކަން އިނގޭ ކަމަށްވެސް ވަކީލް ވިދާޅުވ އެވެ. އަދި ވިދާޅުވީ ދައުލަތުން ދައުވާކޮށްފައިވަނީ ގާސިމު ދެއްކެވި ވާހަކަފުޅަކަށް ކަން ގާސިމުގެ ގާނޫނީ ޓީމުގެ ވާހަކަތަކުން އިނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުން ގާސިމްގެ މައްސަލަ ބަލަން ފެށީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަަށް އެންމެ ފަހުން އައްޔަންކުރެއްވި އާދަމް އަރީފް ފަނޑިޔާރުކަމުގައި އިންނަވައިގެންނެވެ. ނަމަވެސް މިހާރު މިމައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވަނީ ގާޒީ އާދަމް އަރީފްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަހްމަދު ޝަކީލް އެވެ. ރިޔާސަތުގައި އިންނަވަނީ ގާޒީ ބާރީ އެވެ.
ގާސިމް ވާހަކަ ދެއްކެވީ ސިޔާސީ ފިކުރަށް ތާއީދު ހޯދަން، އެއީ ކުށެއް ނޫން: ގާނޫނީ ޓީމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ