ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފްރޭމްކޮށް ބޮޑު ޖަރީމާއެއް ހިންގުމަށް ފުރުސަތު ނުދިނުމަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލާ ވީޓީވީން ކުރިއަށްގެންދާ ލައިވް ކަވަރޭޖުގައި ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމް ފްރޭމްކުރަން އުޅޭއުޅުން ކުށްވެރިކުރައްވާ ކަމަށާއި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ގައުމުގައި މިއަދު ކަންކަން ހިނގަމުންދާގޮތުން މުއައްސަސާތައް މިނިވަންކަމާއެކު ހިނގާކަން ގަބޫލުކުރަން ދަތި ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނު ފްރޭމްކުރެވިގެންކަން އެނގޭއިރު، ގާސިމް އިބްރާހީމާ މެދުވެސް އެގޮތަށް ކަންކަން ކުރަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަތިޔާރުތައް ހުންނަނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް ވީނަމަވެސް މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް، މި މައުލޫމާތުތައް ހިއްސާ ކުރުމުން މިހާތަނަށްވެސް މުއައްސަސާއަކުން އެއްޗެއް ބުނެފައިނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ސަލާމަތަށް އެދި ވާހަކަދެއްކުމުން، ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ފަރާތްތަކުން އެކަމަށް ބީރުކަންފަތެއް ދީގެން ތިބޭތީ ކަންބޮޑުވާ ކަމަށެވެ.
"މީހަކު ކުށެއްގެ ތުހުމަތުގައި ގެންދިއުމަކީ އޭނަގެ މައްޗަށް ކުށްސާބިތުވުމެއް ނޫން. އެމީހާގެ މައްޗަށް ކުށްސާބިތުނުވާ ކޮންމެ މީހަކީ ގާނޫނުއަސާސީ ބުނާގޮތުން ކުށެއް ނެތް މީހެއް. އެހެންވީމަ މިއަދު ގާސިމް އިބްރާހީމް ތަހުގީގަށް ބަންދުކޮށްފައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އަދި އަމުދުން އެމަނިކުފާނު ބަންދުކޮށްފައި ބަހައްޓާފައި ފްރޭމް ކުރުމުގެ އަމަލުތަކެއް ކުރިއަށްދާ ކަމަށް ބުނީމަ ބިރުވެރިކަން އިހުސާސްވޭ. މިކަންކަން ކަމާބެހޭ މުއައްސަސާތަކުން އެބަޖެހޭ ވަރަށް ރަގަޅަށް ބަލަން. އެހެން ނޫންނަމަ ދެރަގޮތަކަށް ކަންކަން ވެއްޖެނަމަ އެފަރާތްތަކުގެ އިހުމާލުން ވީ ކަމެއް ކަމަށް ބެލެވޭނީ" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ބޭނުމެއް މިއަދު ނެތް ކަމަށާއި ގާސިމް އިބްރާހީމާއިމެދު ގާނޫނީ އިމުން ބޭރުން ކަންކަން ކުރަމުންދާއިރު ފިޔަވަޅު ނާޅުއްވައި ޕީޖީ އިންނަވަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ކަމަށެވެ. މިނިވަން މުއައްސަސާތަކާއި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިނިވަން ވާންޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ގާސިމް އިބްރާހީމާއިމެދު އަމަލުކުރަމުންދާ ގޮތުން އެޗުއާރުސީއެމަށް ފޮނުވި ސިޓީއަށް ވެސް ޖަވާބެއް ނުލިބޭ ކަމަށާއި ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިގެންދާއިރު އެޗުއާރުސީއެމް އަނގައިންނުބުނެ ކޯމާއެއްގައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ސަމީރު ވިދާޅުވީ ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ނިންމަން ޖެހެނީ ޕާޓީގެ ލީޑަރުގެ މަޝްވަރާގެ މަތިން ކަމަށާއި އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތަކަށް ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ. އެކަމަށް އެދުމުން އަނެއްކާވެސް ސިޓީއެއް ލުމަށް އަންގާފައިވާ ކަމަށާއި މިއަށްވުރެ ފަސޭހަކޮށް ކަންކަން ހަމަޖައްސައިދޭން ޖެހޭ ކަަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފްރޭމްކޮށް ބޮޑު ޖަރީމާއެއް ހިންގުމަށް ފުރުސަތު ނުދިނުމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު އިލްތިމާސް ކުރައްވާފައި މިވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށްޓަކައި އެމަނިކުފާނު ފްރޭމްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފައި ވަނިކޮށެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ވޭތުވެދިޔަ ހަފުތާގެ ދުވަހެއްގައި ގާސިމް އިބްރާހީމް ދިރިއުޅުއްވާ މ.މާފަންނުވިލާއިން މެންދުރުގެ ވަގުތެއްގައި ނުކުންނެވި ވަގުތު، ކާކުކަން ނޭނގޭ މީހަކު އެމަނިކުފާނާ ބައްދަލުކޮށް، އެކަހެރިކޮށް ވާހަކަ ދެއްކުމަށް ބޭނުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެމީހާ ދެއްކި ވާހަކައިގައި ގާސިމް އިބްރާހީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެމަނިކުފާނު ފްރޭމްކުރުމަށްޓަކައި އެމަނިކުފާނުގެ މަސްލަހަތު އޮންނަ ތަނެއްގައި ދެބަޑި ޕްލާންޓްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމީހާގެ ފޯނުން އެދެބަޑީގެ ފޮޓޯ ކަމަށް ބުނެ ދެފޮޓޯ ވެސް ދައްކާފައިވާ ކަމަށެވެ.
ގާސިމްގެ ގާނޫނީ ޓީމުން ބުނީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން ސިޔާސީ ދައުވާތައް ކުރަމުން އަންނަ ވަގުތެއްގައި މިފަދަ ނުރައްކާތެރި ޕްލޮޓެއްގެ މައުލޫމާތު ލިބިފައިވާތީ، ގާސިމް އިބްރާހީމްގެ ފަރާތުން މިހާރު ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުން އެދި ޕޮލިސް ސާވިސްއާއި ޑިފެންސް މިނިސްޓްރީއާއި ޕީޖީއަށް ހުށަހަޅާފައި ކަަމަށެވެ.
ގާސިމް ފްރޭމްކުރުމުގެ ޖަރީމާއަށް ފުރުސަތު ނުދިނުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ