ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ހަތެއްގައި

މި އަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު ހަތެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ހަވީރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ހަތެއްގައި ބޭއްވުމަށް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ އިންތިހާބުގެ ދެ ވަނަ ބުރު 28 ސެޕްޓަމްބަރުގައި ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
"ކޮމިޝަނުން މި އަންނަނީ ސެޕްޓަމްބަރު މަހަށް މިހާރު ތައްޔާރުވަމުން. ސެޕްޓެމްބަރު މަސް ތެރޭ އިންތިހާބު ބާއްވަން މި ނިންމީ ކޮމިޝަންގެ މެންބަރުން އެކަމަށް އެއްބަސްވުމުން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިންތިހާބު ބޭއްވުމުގެ 120 ދުވަސްކުރިން ރައީސް ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް 55 މިލިއަން ރުފިޔާ އާއި 60 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓް ލިބުނު އިރު އެއަށް ވުރެ މަދުން ފައިސާ ލިބިފައިވާތީ އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"އިތުރަށް ބަޖެޓް ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. މިހާރު ހުރި ވަރަށް ވުރެ އިތުރަށް ބަޖެޓް ބޭނުންވާނެ،" ފުއާދު ވިދާޅުވި އެވެ.
އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު އަދި ހާމަކުރައްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ވީހާ ވެސް އަވަހަކަށް އިއުލާން ކުރުމަށް ރައީސް ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ރޭ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ