އަޅުގަނޑު މިއުޅެނީ ވަކިމީހަކު ނަގާ އެންމެނަށް ދައްކާކަށް ނޫން: މައުމޫން

ޑީއާރްޕީގެ އިސްލާހު ކުރަން ކުރިއަންގެންދަވާ އިސްލާހީ ހަރަކާތަކީ ވަކިމީހަކު ޕާޓީގެ ލީޑާޝިޕަށް ގެންނަން ކުރައްވާ މަސައްކަތެއް ނޫން ކަމަށް ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެޖެ އެވެ.
ރައީސް މައުމޫންގެ ޒައާމަތުގައި ފެއްޓެވި އިސްލާހީ ހަރަކާތަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ އާޓިފިޝަލް ބީޗުގައި ޒެޑް ފެކްޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޑީއާރްޕީ އިސްލާހު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތަކީ ޑީއާރްޕީ ބައިބައި ކުރުމަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑީއާރްޕީ "ހަލާކު" ކުރުމަށް ކުރައްވާ ކަމެއް ވެސް ނޫން ކަމަށާއި އެއީ ޕާޓީ މެދުވެރިކޮށް އަމިއްލަ މަސްލަހަތު ހޯއްދަވަން ކުރާ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ ލީޑާޝިޕަށް އަބްދުﷲ ޔާމިން ގެނައުމަށް ކުރައްވާ ކަމެއް ކަމަށް ސިޔާސީ ބޭފުޅުން ތުހުމަތުކުރައްވާ ވާހަކަފުޅުތަކަށް ރައްދުދެއްވައި މައުމޫން ވިދާޅުވީ ޑީއާރްޕީ އިސްލާހު ކުރުމަށް ކުރާ މަސައްކަތަކީ ވަކި ބޭފުޅަކު ޑީއާރްޕީގެ ލީޑާޝިޕަށް ގެންނެވުމަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ.
ޕާޓީގެ ލީޑަރުކަމަށް އަހުމަދު ތަސްމީން އަލީ ގެންނެވުމަށް ކުރިން ދާއިދު ކުރެއްވި ނަމަވެސް އެކަން ދެ ވަނަ ފަހަރަށް ނުކުރައްވާނެ ކަމަށް އިޝާރާތްކުރައްވައި ޒައީމް މައުމޫން ވިދާޅުވީ ތަބަކަކަށްލާފަ ހަވާލު ކުރެއްވީމަ ވާނެގޮތް މިހާރު ފެންނަ އެބައޮތް ކަމަށެވެ.
"އަޅުގަނޑު މިއުޅެނީ ޑީއާރްޕީ ބައިބައިކުރާކަށެއް ނޫން. އަޅުގަނޑު މިއުޅެނީ ޑީއާރްޕީ ހަލާކު ކުރާކަން ނޫން. އަޅުގަނޑު މިއުޅެނީ ޑީއާރްޕީ މެދުވެރިކޮށް އަޅުގަނޑުގެ އަމިއްލަ މަސްލަހަތުތަކެއް ހޯދާކަށެއް ނޫން. އަޅުގަނޑު މިއުޅެނީ ވަކިމީހަކު ނަގާ އެންމެނަށް ދައްކާކަށެއް ނޫން. ތަބަކަކަށްލާފަ ކަމެއް މީހަކާ ހަވާލު ކުރީމަ ވާނެގޮތް މިހާރު މިއޮތީ ފެނިފަ. ދެން އެކަމެއް އަޅުގަނޑު ކުރާކަށް ނެތިން،" ނުސީދާކޮށް ކުރިން ތަސްމީންގެ ލީޑާޝިޕަށް ރައްދުދެއްވި ނަމަވެސް، ފުރަތަމަ ފަހަރަށް ސީދާ ގޮތުން ތަސްމީނަށް ރައްދުދެއްވައި މައުމޫން މިރޭ ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑީއާރްޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ވާދަކުރައްވަންޖެހޭނީ ޕްރައިމަރީއަކުން ހޮވައިގެން ކަމަށެވެ. އަދި ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަކީ ޑީއާރްޕީއަށް މަޖުބޫރު ވެފައިވާ ކަމެއް ކަމަށާއި އެކަމާ މެންބަރުން ކަންބޮޑުވަން ނުޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން ރިޔާސީ އިންތިހާބަކާ ކުރިމަތިލާންޖެހޭނީ ޑީއާރްޕީގެ މެންބަރުން ބޭނުންފުޅުވާ މީހަކަށް. ޑީއާރްޕީގެ ޒައީމަކަށް ހުންނަ މީހަކު ބުނާ މީހެއް ނޫން. ޑީއާރްޕީގެ އާންމު މެންބަރުންގެ ވޯޓަކުން ހޮވޭ މީހަކު. އެހެން އިބާރާތަކުން ދަންނަވަންޏާ ޕްރައިމަރީއަކުން ހޮވޭ މީހަކު. އެކަމާ އަޅުގަނޑުމެން ބިރުގަންނަންވީ ސަބަބެއް ނެތް... އެއީ ޑީއާރްޕީއަށް މަޖުބޫރުވެފައިވާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ ކައުންސިލުން މިހާރު ނިންމާ ނިންމުންތަކަށް ޕާޓީގެ އާންމު މެންބަރުން ތަބާވާން ނުޖެހޭނެ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ޕާޓީގެ ކައުންސިލާއި ލީޑަރު އަންގަވާ ގޮތަކަށް ޕާޓީ ހިންގަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ އާންމު މެންބަރުން. ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ ލީޑާޝިޕަކުންނެއް ނޫން. ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ ކައުންސިލަކުން ނޫން... އެއީކީ ވަކި ލީޑަރު އަންގަވާ ގޮތަކަށް ހިގަންވީ ޕާޓީއެއް ނޫން. ނުވަތަ ކައުންސިލަކުން ނިންމާ ގޮތަކަށް އެންމެން ކިޔަމަންވާންޖެހޭ ޕާޓީއެއް ނޫން،" ތަސްމީންގެ ފިކުރާ ތަފާތުވާ މެންބަރުންނާމެދު ކައުންސިލުން ފިޔަވަޅު އަޅަން ނިންމުމާއި ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުކަމަށް މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު އައްޔަން ކުރެއްވި މައްސަލައަށް ފާޑުވިދާޅުވެ މައުމޫން މިރޭ ވިދާޅުވި އެވެ.
އެމަނިކުފާނު މިރޭ ވާހަކަފުޅު ނިންމަވާލެއްވީ ޑީއާރްޕީ އިސްލާހު ކުރުމަށް ޒެޑް ފެކްޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އާންމު މެންބަރުނަށް ދެއްވަމުންނެވެ. އަދި ޕާޓީގެ އާންމު މެންބަރުން ސާބިތުކަމާއެކު ޑިއާރްޕީ ދޫނޮކޮށް ތިއްބެވުމަށް މައުމޫން އެދިވަޑައިގެންވި އެވެ.
މިރޭގެ ޖަލްސާގައި މައުމޫން ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވެ ވަޑައިގަތުމަށާއި ހަމައެކަނި އެމްޑީޕީއަށް ތާއީދު ކުރައްވާ ބޭފުޅުންގެ ރައީސަކަށް ވެވަޑައި ނުގެންނެވުމަށް މައުމުން ގޮވާލެއްވި އެވެ.
އެމްޑީޕިގެ ސަރުކާރު ވެރިކަން ކުރަންފެށި ފަހުން ވެސް ރާއްޖޭއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީއެއް ނެތް ކަމަށެވެ. އަދި ނާސިރުގެ ދައުރުގައި ސިޔާސީ މީހުން ހައްޔަރު ކުރުމަށް ގެންގުޅޭ އުސޫލްތަކާއި މިއަދުގެ މުޖުތަމައުން ފެންނަމުންދާ ސިޔާސީ ގޮންޖެހުންނަކާ އެއްފަދަކޮށް އޭގެ މިސާލުތަކެއް ވެސް މައުމޫން ދެއްކެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭއަށް ޑިމޮކްރަސީއެއްގެނެވެނީ އިސްލާހީ މަސައްކަތް ކުރިއަށް ގެންދިއުމަށް ޑީއާރްޕީން ވެރިކަމަށް އައިސްގެން ކަމަށާއި "އޭރުން ޑިމޮކްރަސީއަކީ ކޯއްޗެއްކަން ވަރަށް ރަނގަޅަށް ދައްކާނެ" ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ޖޫން 9، 2004 އަހަރު ފެއްޓެވި އިސްލާހީ ހަރަކާތަށް ހަތް އަހަރު ފުރުމުގެ މުސާސަބާގައި މިރޭ ބޭއްވި ޖަލްސާއަށް ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުނާއި ޕީއޭގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އިތުރުން އެ ޕާޓިގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެނެވި އެވެ.http://www.youtube.com/watch?v=YiM-63lKQW4Listen!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ