ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސްޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ބިލާއި ބެހޭ ގޮތުން ގާސިމް އިބުރާހިމް ދަނީ ރައްޔިތުނަށް ހަޤީޤަތް އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މިއަދު ހަވީރު ޕީޕީއެމްގެ ޕީޖީ ގްރޫޕްން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިހާން ވިދާޅުވީ ޤާސިމް އިބްރާހިމް އެސްއީޒެޑް ބިލްގައި ޓެކްސް އިސްތިސްނާވާކަމަށް ވިދާޅުވުމުން ލަދުވެތިވާކަމަށެވެ. ބިލްގައި ޓެކްސް އިސްތިސްނާވާނެ ހާލަތްތައް ބަޔާންކޮށްފައިވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"ޖުމަލް ގޮތެއްގައި ދަންނަވަން އޮތީ، ޓެކްސް މައާފުކުރުން. މި މާއްދާ އާއި ގުޅޭގޮތުން ބިލުގެ ޖަދުވަލު 1 ގައި ޒޯނަށް ލިބޭ އިނާޔަތްތައް ބަޔާންކޮށްފައިވާނެ. ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް މަޢާފުވުމާއި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރަށް މައާފުވުން، މިފަދަ އިނާޔަތްތައް ހުރީ ޒޯނަށް ކުރާ އިންވެސްޓްމެންޓާއި ކުޑަ ބޮޑުމިނަށް ކަނޑައަޅާފައި" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ވޭތުވެދިޔަ ދެތިން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޤާސިމް ފަދަ ގިނަ ބޭފުޅުން ސަރުކާރަށް ޓެކްސް ދައްކަވާފައި ނުވާކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅުން ޓެކްސް މައާފުކުރުމުގެ ވާހަކަދެއްކެވުމަކީ ހިތާމަކުރަށްވާ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.
އެސްއީޒެޑާއި ބެހޭ ގޮތުން ގާސިމް ދައްކަވަމުންގެންދަވާ ވާހަކަފުޅު ތަކަށް ރައްދުދެއްވާ ނިހާން ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު ސަރަހައްދުތަކުން ރިސޯޓް ހަދާނެ ބިންތަކާއި އެއަޕޯޓްތައް ލިބުމުން މަސައްކަތް ކުރިއަށް ނުގެންދެވުމަކީ ރައްޔިތުން ޒިންމާވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވަނީ އެމްޑީޕީން އެސްއީޒެޑްގެ ބިލާއި ބެހޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަށް ވެސް ރައްދު ދެއްވާފައެވެ.
ނިހާން ވިދާޅުވީ އެސްއީޒެޑް ބިލާއި ގުޅޭގޮތުން އެމްޑީޕީން ވާހަކަ ދައްކަމުން ދަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށާއި އެކަމަކު އެ ވާހަކަތަކުގައި ވެސް އެ ބިލްގެ ސަބަބުން އިގުތިޞާދީ އެއްވެސް ކުރިއެރުމަކަށް ހުރަސް އެޅޭ ފަދަ ނުކުތާއެއް އެމްޑީޕީއަށް ދެއްކިފައި ނުވާ ކަމަށެވެ. އެމްޑީޕީން ދައްކަމުން ދަނީ ބިލާ މާބޮޑު ގުޅުމެއް ނެތް ވާހަކަތަކެއް ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެސްއީޒެޑް ބިލާއި އެމްޑީޕީން ދެކޮޅު ހަދަނީ ރައްްޔިތުންނާ ވީހާ ވެސް ގާތުން ސަރުކާރަށް މަސައްކަތް ކުރެވޭނެ ގޮތް ލިޔުމަކުން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވާތީ ކަމަށެވެ.
ގާސިމް ދަނީ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވަަމުން – ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ