ދައުރު ދެ ބައިވިއިރު ތަކެތީގެ އަގު މައްޗަށް ގޮސް ރައްޔިތުން ވަނީ ފަގީރުވެފައި: ޑީއާރުޕީ/ގައުމީ ޕާޓީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރު ދެބައިވި އިރު، އާމްދަނީ އިތުރުކުރެވޭނެ މަގެއް ނުހުޅުވި ބާޒާރުގައި ހުރި ގިނަ ތަކެތީގެ އަގު މައްޗަށް ގޮސް ރައްޔިތުން މިވަނީ ޖުމްލަކޮށް ފަގީރުވެފައި ކަމަށް ޑީއާރުޕީ އާއި ގައުމީ ޕާޓީން ރޭ ބުނެފި އެވެ.
ސަރުކާރުން ރައްޔިތުންނަށްވި ވައުދުތައް، ދައުރު ދެބައިވި އިރު ފުއްދިފައިވާ މިންވަރާ ބެހޭ ގޮތުންނާއި އިގްތިސާދީ ސިޔާސަތާ ބެހޭ ގޮތުން އެ ދެ ޕާޓީން އެމްބީސީ ވަންގައި ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު އަހުމަދު މުހައްމަދު ވިދާޅުވީ ޑޮލަރުގެ އަގަށް އައި ބަދަލާ ގުޅިގެން ހައްޖަށް ދިއުމަށް މީހުން ފަހަށް ރައްކާކޮށްފައިވާ ފައިސާގެ އަގު ދަށް ވެއްޖެ ކަމަށެވެ. އަދި ތަކެތީގެ އަގު އެތައް ގުނައެއް އުފުލި ރައްޔިތުން ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ސަރުކާރުގައި މާލީ އަދި އިގްތިސާދީ ސިޔާސަތެއް ނެތް ކަމަށާއި އިގްތިސާދާ ބެހޭ ގޮތުން ކޮންމެ ދުވަހަކު ދައްކަނީ އާ ވާހަކައެއް ކަމަށެވެ. އަދި އިގްތިސާދީ ސިޔާސާތާ ބެހޭ ގޮތުން ދައްކާ ގިނަ ވާހަކަތައް ދެކޮޅުނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ 50 ޕަސެންޓް ކުޑަކުރާނެ ކަމަށް ބުނިއިރު ކަސްޓްމަސް ޑޮލަރު ރޭޓް 14.10ރ. އަށް ވަނީ ބޮޑުކޮށްފައި. ދެން ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކުޑަކުރިޔަސް މާ ބޮޑު ފައިދާއެއް ރައްޔިތުންނަކަށް ނުކުރާނެ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮލަރުގެ މައްސަލަ ދެތިން މަސް ތެރޭގައި ހައްލުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވާހަކަދެއްކެވި އިރު އެކަން ހައްލުކުރަން ކުރައްވާނެ އެއްވެސް ކަމެއް ދެއްކެވިފައިނުވާ ކަމަށެވެ.
އެ ފޯރަމްގައި އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކަރަންޓްގެ އަގު 2009 ވަނަ އަހަރުގެ ކުރީކޮޅު 630 ކިލޯވޮޓަށް 1274ރ. ދައްކަން ޖެހޭ އިރު މިހާރު 600 ކިލޯވޮޓަށް ދައްކަން ޖެހޭ މިންވަރު ، 80 ޕަސެންޓަށް ބޮޑުވެ، 2،345ރ، އަށް އަރަ އެވެ. މީގެ އިތުރުން 2009 ގައި 198 ރ. ގައި ހުރި 1800 ގްރާމްގެ ކޯސްޓް ކިރުދަޅެއްގެ އަގު މިހާރު 230ރ. އަށް ބޮޑުވެފައިވާ ކަމަށް ވެސް އިދިކޮޅު ދެ ޕާޓީން ބުނެ އެވެ.
"މިދިޔަ މާޗް މަހުގެ ތެރޭގައި ތިން ފަހަރަށް ޕެޓްރޯލް އަގު ސަރުކާރުން ބޮޑުކޮށް ޕެޓްރޯލް ލީޓަރެއްގެ އަގު 13.53 އަށް ބޮޑުކުރިއިރު ބައިނަލްއަގުވާމީ އަގަކީ ފީފާއަކަށް 110 ޑޮލަރެވެ. ނަމަވެސް 2008 ގައި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު 15.90ރ. އަށް އެރިއިރު ބައިނަލްއަގުވާމީ އަގަކީ ފީފާއެއް 147 ޑޮލަރެވެ،" އެ ފޯރަމްގައި ހާމަކުރި ލިޔުމެއްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ މަސްވެރިކަން އިންތިހާ އަށް ދަށަށް ގޮސްފައިވާ އިރު އެ ސިނާއަތް ކުރިއެރުވުމަށް މިހާތަނަށް ކުރި މަސައްކަތެއް، ކުރިއަށް ހިންގޭ ހަރަކާތެއް ބުނެދެވިފައިނުވާ ކަމަށް ފޯރަމްގައި އާންމުކުރި ލިއުމުން ދައްކަ އެވެ.
އެ ލިޔުމުގައި ވަނީ އިގްތިސާދުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ އިމާރާތްކުރުމުގެ ދާއިރާ 2008 އާ އަޅާބަލާއިރު މިދިޔަ އަހަރު 27 ޕަސެންޓް ދަށްވެ، އަލަށް ނުކުންނަ ގިނަ ޕްރޮޖެކްޓްތައް ލިބިފައިވަނީ ބޭރު ކުންފުނިތަކަށް ކަމަށެވެ.
އެ ފޯރަމްގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ އެޑްވައިޒާ އޮން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ތޯރިގު އިބްރާހީމް ވިދާޅުވީ ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުމާލޭގައި މިހާރު ފަށާފައިވާ 1662 ހައުސިން ޔުނިޓްގެ މަސައްކަތުގެ ތެރެއިން ދިވެހި ކުންފުނިތަކަށް ލިބިފައިވަނީ 132 ހައުސިން ޔުނިޓް ކަމަށެވެ. އަދި އެ އިން ދައްކައިދެނީ ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކަށް މާ ބޮޑު އަހަންމިއްޔަތުކަމެއް ސަރުކާރުން ދީފައިނުވާކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ 2008 ވަނަ އަހަރު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ލިބުނު އާމްދަނީ 700 މިލިއަން ރުފިޔާ އިން 500 މިލިއަން ރުފިޔާ އަށް މިހާރު ދަށްވެފައިވާ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޭނުންވާ ސަމާނުގެ އަގު ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 25 ޕަސެންޓް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހީނަރުވަމުން ގޮސް ކުދި ކުންފުނިތައް މިހާރު ވަނީ ބަނގުރޫޓް ވާން ކައިރިވެފައި ކަމަށެވެ.
ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު މައްޗަށް ދިއުމުން ސަރުކާރުގެ އިގްތިސާދީ އަދި މާލީ ސިޔާސަތާ މެދު ރައްޔިތުންގެ އިތުބާރު ނެތުން ކަމަށް ވެސް ދެ ޕާޓީން ބުނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އިގްތިސާދީ އަދި މާލީ ކަންތައްތަކާ ކުޅުމުގެ ގާބިލްކަމާ ތަޖުރިބާ ސަރުކާރުގައި ނެތުން ކަމަށް ވެސް ބުނެފައިވެ އެވެ.
އިދިކޮޅު ދެ ޕާޓީން ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް ފާޑުކިއުމުން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވަނީ ސަރުކާރު ދިފާއުކުރައްވާ ގައުމީ ޕާޓީ އަށް ތީރެއް ދޫކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަމާ ހަވާލުވި އިރު ވެސް ތަކެތީގެ އަގު މައްޗަށް އުފުލެން ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭރު އަގު އުފުލެމުންދިޔަ ދަރަޖަ ދަށްވެފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުތައް ވަނީ ދެ ބަޔަކަށް ބަހާލާފައި ކަމަށެވެ. އެ ގޮތުން ކުރު މުއްދަތެއްގައި ކުރަން ރާވާފައިވާ ކަންތައްތައް ހާސިލްކުރަން ނިންމާފައި ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ. އަދި ދިގު މުއްދަތުގެ ވައުދުތައް ހާސިލްކުރުމުގެ ލަނޑުދަނޑި އޮތީ ދައުރު ނިމުމުގެ ކުރިން ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
"ދައުރު ދެބައިވި އިރު ގިނަ ވައުދުތައް ހާސިލްނުވާ ކަމަށް އެ ވާހަކަ ދައްކަނީ ދައުރުގެ މެދުތެރޭން ބާއްވަން އިއުލާންކުރި އިންތިހާބާ ގުޅުވައިގެން. އެކަމަކު އެކަން ވެސް ކުރެވެން އޮތީ އިދިކޮޅު ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކޮށްގެން،" ޒުހައިރު ވިދާޅުވި އެވެ.
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ރައީސް ނަޝީދު އިއުލާންކުރެއްވީ ގައުމީ ޕާޓީގެ ޑރ. ހަސަން ސައީދު ބާރުއެޅުއްވުމުންނެވެ. އެކަމަކު ދައުރުގެ މެދުތެރެއިން އިންތިޚާބަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވަނީ އިއުލާންކުރައްވައިފަ އެވެ.
ޑީއާރުޕީގެ ފޯރަމް ޓީވީން ދައްކާނީ މިރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ