ބައެއް ރަށްރަށުން ކަރަންޓު ކެނޑެމުންދާ މައްސަލާގައި އެޗްއާރުސީއެމުން މަޝްވަރާކުރަން ފަށައިފި

ބައެއް ރަށްރަށުން ތަފާތު ސަބަބުތަކާ ހުރެ ކަރަންޓުގެ ހިދުމަތް މެދު ކެނޑެމުންދާތީ އެކަމުގައި ރައްޔިތުންގެ ގިނަ ހައްގުތަކެއް ގެއްލި، ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަންޖެހޭތީ އެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުންތަކެއް މިއަދު ފަށައިފި އެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލާގައި މިއަދު ވަނީ މޯލްޑިވްސް އެނާޖީ އޮތޯރިޓީ އާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯ އާއެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރީ އެ ކޮމިޝަނުން ބުނިގޮތުގައި ކަރަންޓުގެ ހިދުމަތް ކެނޑެމުންދާ މައްސަލަ އަށް ހައްލެއް ހޯދެން އޮތީ ކޮންގޮތަކަށްތޯ އާ މެދުގަ އެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަކަށް ކަރަންޓުގެ ހިދުމަތް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާތީ، އެ ހިދުމަތް ދިނުމުގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ކަރަންޓުގެ ކަންތައްތައް ވިލަރެސް ކުރުމުގައި ދިމާވެފައިވާ ހުރަސްތަކާ މެދު ވެސް މަޝްވަރާ ކުރި ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
"އަދި މިހާރު ޖެހެމުންދާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ހައްލު ހޯދުމުގައި ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދީ، ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ މެދުގައި އެއްބަސްވެވުނެވެ،" ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
އަދި ކަރަންޓު ދިނުމުގެ މައްސަލައާ ގުޅުން ހުރި އެހެން ފަރާތްތަކާ އަވަހަށް ބައްދަލުކޮށް، ރައްޔިތުންނަށް ކަންކަން ސާފުކޮށް އޮޅުންފިލާނެ ގޮތަކަށް މައުލޫމާތު ދީ ހުރަސްތައް ކަޑައްތުކޮށް، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ވެސް މަޝްވަރާ ކުރި ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
ބައެއް ރަށްރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑެމުންދާ މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް އައިއިރު މިހާތަނަށް ބައެއް ރަށްރަށުގެ ޔުޓިލިޓީޒް ކުންފުނިތަކާ ރައްޔިތުން ހިންގާ އިންޖީނުގެތަކާ ދެމެދު ބޮޑެތި އަރާރުންތައް އުފެދި ކަރަންޓުގެ ހިދުމަތް ކެނޑިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ