ވެލިދޫ މެމްބަރު އަލީ މުހައްމަދަށް ޖަލްސާގެ ރިއާސަތު ނުބެލެހެއްޓިގެން ޖަލްސާ ހުއްޓާލައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިއަދުގެ ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅީގެ ރިއާސަތާ ހަވާލުވުމާ އެކު، އިދިކޮޅު ޑީއާރްޕީގެ މެމްބަރުން އެކަމާ ދެކޮޅު ހައްދަވަން ފެއްޓެވުމުން ރިއާސަތު ނުބެލެހެއްޓި ޖަލްސާގެ ނިޒާމު ގެއްލުމުން މިއަދުގެ ޖަލްސާ ހުއްޓާލަން ޖެހިއްޖެ އެވެ.
މިއަދު މެންދުރު ފަހު 30: 1 ގައި ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފަހު، އެމްއެމްއޭގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށްޓަކައި ރިއާސަތާ ހަވާލުވުމާ އެކު، އެ ކަމަށް އެންމެ ފުރަތަމަ ހުރަސް އެޅުއްވީ އޭނާ ވެސް ނިސްބަތްވެވަޑައިގަންނަވާ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ.
އަލީ ވަހީދު ނިޒާމީ މައްސަލައެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް އިތުރު އެލަވަންސްތައް ހަމަޖައްސާފައިވާ އިރު ޖަލްސާތައް ކުރިއަށް ގެންދަވަން ތިއްބަވަންވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ވޯޓު ނުދެއްވޭ ބޭފުޅަކު ރިއާސަތުގައި އިންނަވައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނެއްކާ އިއްޒަތްތެރި މެމްބަރަކީ ހަސަން އަފީފްގެ ވޯޓުގައި އަޅުގަނޑުމެންނަށް ފެންނަން އިން މެންބަރެއް ވެސް ނޫން. އެހެންވީމާ މި ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުން ދުރަށް ވަޑައިގަންނަވަން އަޅުގަނޑު ގޮވާލަން. ... ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވޯޓު ލާން ވަޑައިނުގަންނަވާ މެމްބަރުން ތި ގޮނޑި އަށް ވަޑައިގަތުމަށް ވެސް [އަޅުގަނޑު ދެކޮޅު ހަދަން]،" އަލީ ވަހީދު ވިދާޅުވި އެވެ.
ނަމަވެސް އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ރިއާސަތުން އަލީ މުހައްމަދު ވިދާޅުވުމުން އަލީ ވަހީދު ރައްދު ދެއްވައި ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ކަމަށާއި "ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަސް" ކަމަށެވެ. އަދި ރިއާސަތުގައި އިންނެވުމަށް ވުރެ ވެލިދޫ ދާއިރާގެ ގޮނޑި އަށް ވަޑައިގެން ރައްޔިތުންގެ ހައްގުގައި ވޯޓުލެއްވުން މާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދުގެ ނިޒާމީ މައްސަލަ އަށް ފަހު، ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖްތާޒް ވެސް ނިޒާމީ މައްސަލައެއްގައި ވިދާޅުވީ އަލީ މުހައްމަދު ރިއާސަތުގައި އިންނަވަން ބޭނުން ނޫން ކަމަށެވެ. އަދި އަލީ މުހައްމަދު ވަނީ ވަރަށް ބޮޑު ގޯހެއް ވެސް ހައްދަވާފައި ކަމަށް ވެސް މުޖްތާޒް ވިދާޅުވި އެވެ.
މުޖްތާޒަށް ފަހު ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ނިޒާމީ މައްސަލައެއްގައި ވިދާޅުވީ އަލީ މުހައްމަދު ރިއާސަތު ބަލަހައްޓަވަނީ މަޖިލީހުން ނިންމައިގެން ކަމަށާއި މަޖިލީހުން ނިންމާފައި ހުންނަ ކަންކަމަށް ހުރިހާ މެމްބަރުން ވެސް އިހުތިރާމްކުރަންވާނެ ކަމަށެވެ.
އޭގެ ފަހުން ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމް ނިޒާމީ މައްސަލައެއްގައި ވިދާޅުވީ މިއަދު ރީކޯ މޫސާ މަނިކު އަލީ މުހައްމަދުގެ ދިފާއުގައި ވާހަކަ ދައްކަވަނީ ހަސަން އަފީފަށް ރުހުން ލިބުނީމާ ކަމަށެވެ.
އެއަށް ފަހުން އެމްއެމްއޭގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވާހަކަ ދައްކަވަން ފެށުމާ އެކު އަނެއްކާ ވެސް އަލީ ވަހީދު ތެދުވެވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން އޭނާ ވާހަކަ ދެއްކެވުން މެދުކަނޑުއްވައިލެއްވި އެވެ. ނަމަވެސް އިރުކޮޅެއް ފަހުން ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު އަނެއްކާ ވެސް އަޑު ގަދަވުމުން ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަންޖެހުނެވެ.
އަދި ބައެއް މެމްބަރުން ނިޒާމީ މައްސަލަ އަށް އެދެން ފެށުމާ އެކު ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ނުހިނގާ ކަމަށް ވިދާޅުވެ ނިޒާމީ މައްސަލަ އަށް ފުރުސަތެއް ނުދެއްވި އެވެ. އެ ހިސާބުން އަލީ މުހައްމަދު ޖަލްސާގެ ރިއާސަތުން ތެދުވެވަޑައިގެން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ރިއާސަތު ހަވާލުކުރެއްވި އެވެ.
އޭގެ ފަހުން ދެން ފެށުނީ އެމްޑީޕީ މެމްބަރުންގެ ނިޒާމީ މައްސަލަތަކެވެ. އެ ގޮތުން ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒް ވިދާޅުވީ ޑީއާރްޕީގެ މަދު ބަޔަކު ކުރި ކަމެއްގެ ބަދުނާމު ހުރިހާ މެމްބަރުންގެ ބޮލުގައި އެޅުވީތީ ހިތާމަކުރައްވާ ކަމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ އަހްމަދު އީސާ ވިދާޅުވީ އެންމެ މެމްބަރެއްގެ ނުފޫޒުން މަޖިލިސް ކުރިއަށް ނުގެންދެވި އޮވެގެން ނުވާނެ ކަމަށާއި އެ މެމްބަރުގެ ނަން އިއްވައި މަޖިލީހުން ނެރެން ވެސް ނުކެރުނު ކަމަށެވެ.
މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ރިއާސަތުން އަބްދުﷲ ޝާހިދު ތަކުރާރުކޮށް ވިދާޅުވުމުން ވެސް މެމްބަރުންގެ އަޑުގަދަކުރެއްވުން ހުއްޓުމަކަށް ނައިސް އުޅެނިކޮށް ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ނިޒާމީ މައްސަލައެއްގައި ވިދާޅުވީ، ޝާހިދު ރިއާސަތުގައި އިންނަވައިގެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދެއްވާނެ ކަމަށެވެ.
އަދި އަލްހާން ތެދުވެވަޑައިގެން ރިއާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވަން ފެށުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް ރިއާސަތުން އަބްދުﷲ ޝާހިދު އެންގެވި އެވެ.
ނަން އިއްވުމުން ވެސް މަޖިލީހުން ނުނިކުންނަވައި މަޖިލީހުގެ ދެ ގޮނޑިބަރި މެދުގައި ރިއާސަތަށް ކުރިމަތިލައްވައިގެން ހުންނެވުމުން ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ މަޖިލީހުން ނެރުމަށް އަމީން އާންމަށް އެންގެވި އެވެ. އަދި މިއަދުގެ ޖަލްސާގެ ނިޒާމުވަނީ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ގެއްލިފައި ކަމަށްވާތީ ދޭއް ޖަހަނިކޮށް، އެންމެ ފަހުން މިއަދުގެ ޖަލްސާ ހުއްޓައިލީ އެވެ.
މި މަހުގެ 21 ވަނަ ދުވަހު، ފަސް ވަޒީރަކަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ހޯމް މިނިސްޓަރު ހަސަން އަފީފަށާއި ބަންޑާރަ ނާއިބު އަހްމަދު އަލީ ސަވާދަށާއި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމަށް ރުހުން ނުދިނުމަށް ޑީއާރްޕީން ތްރީލައިން ވިޕް ނެރެފައިވީ ނަމަވެސް، އެ ދުވަހުގެ އަލީ މުހައްމަދު ރަށުގައި ވަޑައިގެން ނުއުޅުއްވަ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި މި މަހުގެ 17 އިން 27ގެ ނިޔަލަށް އަލީ މުހައްމަދު ވަނީ ޗުއްޓީ ނަންގަވައި ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.
57: 13 - ނިޒާމް ގެއްލުމުން ޖަލްސާ ހުއްޓާލައިފި އެވެ.
54: 13 - ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ޖަލްސާ އިން ނުކުމެވަޑައިގަތުމަށް ނަން އިއްވަވައިފި އެވެ.
47: 13 - ވެލިދޫ ދާއިރާގެ ޑީއާރުޕީ މެމްބަރު އަލީ މުހައްމަދު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ފެއްޓުވުމުން ޑީއާރުޕީ މެމްބަރުން އަޑުގަދަކުރެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެނބުރި ރިޔާސަތަށް ވަޑައިގެންފި އެވެ.
ނަމަވެސް ޖަލްސާ އަދިވެސް ހަމައަކަށް ނޭޅެ އެވެ.
އަލީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވުމާ ޑީއާރުޕީ މެމްބަރުން ދެކޮޅު ހައްދަވަނީ ވަޒީރުންނަށް ރުހުން ދިނުމާ މެދު ވޯޓު ނެގި ދުވަހު އޭނާ މަޖިލީހަށް ވަޑައިނުގަންނަވާތީ އެވެ.
އެންމެ ބޮޑަށް އަޑުގަދަކުރެއްވި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އެ ދުވަހު ރައްޔިތުންނަށްޓަކައި ވޯޓު ދެއްވަން މަޖިލީހަށް ވަޑައިނުގެންފައި މިއަދު ރިޔާސަތުގައި އަލީ މުހައްމަދު އިންނަވައިގެން ނުވާނެ ކަމަށެވެ.
ޝާހިދު އަލީ މުހައްމަދާ ރިޔާސަތު ހަވާލުކުރެއްވީ 30: 1 ގައި ވޯޓު ނެންގެވުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ