ހައި ކޯޓުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދު ކަނޑައަޅައިފި އެވެ.
ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން، ހައި ކޯޓުން އެ ކޮމިޝަނަށް ކަނޑައަޅާނެ ފަނޑިޔާރެއް ހޮވާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބޭއްވި އިންތިހާބަކުންނެވެ. މި އިންތިހާބުގައި ވާދަކޮށް ފަނޑިޔާރު އަބްދުﷲ ހަމީދަށް ހަތަރު ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމަށް ތިން ވޯޓު ލިބިވަޑައިގެންނެވި އިރު ފަނޑިޔާރު އަލީ ސަމީރަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.
ހައި ކޯޓުން ޖޭއެސްސީ އަށް މެމްބަރަކު މި އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޣަނީ އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ގާނޫނުގައި ބުނާ އަދަދަށް ކޯޓަށް ފަނޑިޔާރުން ހަމަވުމުގެ ކުރިން، މަދު އަދަދަކަށް އެ ކޯޓުގައި މެމްބަރުން ތިއްބެވި ދުވަސްވަރެއްގައި ކަމަށް ވާތީ އާއި މިހާރު ހައި ކޯޓަށް ފަނޑިޔާރުން ހަމަވުމާ ގުޅިގެން އެހެން ފަނޑިޔާރަކު ޖޭއެސްސީ އަށް އިންތިހާބުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީ އަށް ހަމަޖެއްސުމުން އެ ކޮމިޝަންގައި މިހާރު ތިއްބަވާނީ ދަށު ކޯޓުތަކުން ފަނޑިޔާރު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އާންމުންގެ ފަރާތުން ޝުއައިބު އަބްދުއްރަހްމާނާއި ވަކީލުންގެ ތެރެއިން އަހުމަދު ރަޝީދާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.
އެ ކޮމިޝަންގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އައިޝަތު ވެލެޒިނީ މެއި 19 ވަނަ ދުވަހު ވަކިކުރެއްވުމުން އެ މަގާމު މިހާރު އޮތީ ހުހަށެވެ.
ހައި ކޯޓުން ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީ އަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ