ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފުތާ ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު މިރޭ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިދިކޮޅު ގިނަ ލީޑަރުން އަރުވާލެވިގެން ދިރިއުޅުއްވާ ލަންޑަނަށް ވަޑައިގަންނަވަނީ އެތަނުގައި ދިރިއުޅުއްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އެމަނިކުފާނުގެ ޓީމާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތައް ކުރެއްވުމަށެވެ.
"2018 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖަމީލާއި އެމަނިކުފާނު ޓީމާއެކު ސިޔާސީ މަޝްވަރާތަކެއް ކުރުމަށް އަންނަ އާދިއްތަ ދުވަހު އަޅުގަނޑު ފުރަން،" އުމަރުގެ މެސެޖްގައިވެ އެވެ.
އުމަރު ލަންޑަނަށް ސިޔާސީ މަޝްވަރާއަކަށް ވަޑައިގަންނަވާއިރު ޖަމީލަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި އެ އިއްތިހާދަށް އުމަރު ކުރިން ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
ވަރަށްފަހުން ރައީސް ނަޝީދު ވަނީ އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން 2018 ގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރުމަށް ނެރެންޖެހޭނީ އެއް ކެނޑިޑޭޓެއް ކަމަށް ވިދާޅުވެފަ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުން އަންނަ ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓަކާ ގުޅޭ ގޮތުން ރައީސް ނަޝީދާއި ޖަމީލާ ދެމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ.
ޖަމީލާ އެކު ރިޔާސީ އިންތިހާބަށް ނުކުނަން އުމަރު މަޝްވަރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ