ކުޑަފަރިއަށް ވެފައިވާ ގިނަ ވައުދުތައް ފުއްދިފައިވާކަން ރައްޔިތުން ޤަބޫލު ކުރައްވާނެ – އެމްޕީ މައުރޫފް

(ނ.ކުޑަފަރި) ދައުރު ދެބައިވިއިރު ކުޑަފަރި ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ބޮޑުބައެއް ފުއްދިފައިވާކަން ރައްޔިތުން ޤަބޫލު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކުޑަފަރި ތަމްސީލު ކުރައްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
ކުޑަފަރީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ތަކާއި، އެ ވައުދުތައް ފުއްދިފައިވާ މިންވަރާ ބެހޭގޮތުން "ވަގުތު ހޭރިޔާ" އާއި ވާހަކަދައްކަވަމުން މެންބަރު އަލީ މައުރޫފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވުމަށްފަހު ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، އެ ވައުދުތަކުގެ ބޮޑުބައެއް ފުއްދިފައިވާ ކަމަށެވެ.
"ދައުރު ދެބައިވިއިރު އަޅުގަނޑަށް މިވަނީ އަޅުގަނޑު ހިތްހަމަޖެހޭވަރަށް ރައްޔިތުންނަށް އަޅުގަނޑުވީ ވައުދުތައް ފުއްދައިދެވިފަ، އެކަން ރައްޔިތުންވެސް ޤަބޫލު ކުރައްވާނެ" މައުރޫފް ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ އޭނާ މެންބަރުކަމަށް ވަޑައިގެންނެވިއިރު، ކުޑަފަރި އަކީ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑު ރަށެއް ކަމަށާއި، ނަމަވެސް މި ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެއް އަހަރު ތެރޭ ހައްލު ގެންނަވާފައިވާ ކަމަށެވެ. "މީގެ ކުރިން ކުޑަފަރި އަކީ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑު ރަށެއް. އެކަމަކު އަޅުގަނޑު މެންބަރުކަމާ ހަވާލުވެ އަހަރެއްހައި ދުވަސްތެރޭ، އާ ޖެނެރޭޓަރު ސެޓެއް ގެނެސް އެމައްސަލަ ވަނީ ހައްލު ކުރެވިފަ"
މައުރޫފު އިތުރަށް ވިދާޅުވީ ކުޑަފަރި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މިހާރު ހައްލު ކުރެވިފައިވާ ކަމަށާއި، އާ އިމާރާތެއް އެޅި، ސްކޫލަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަން މިވީ ދެއަހަރު ތެރޭ ހައްލު ކުރެވިފައިވާކަމަށެވެ. މިރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ޒަމާނީ ކުނިކޮށްޓެއް ޤާއިމް ކުރެވި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ޤާއިމް ކުރެވުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މެންބަރު މައުރޫފު ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ކުރިމަތި ލެއްވުމަށްފަހު ކުޑަފަރި ރައްޔިތުންނަށް ވެވަޑައިގެންނެވި އަނެއް ވައުދަކީ މިރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމަށް ވެ ވަޑައިގެންނެވި ވައުދު ކަމަށާއި، މިވީ ދެއަހަރު ތެރޭ މިރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް އެޅިފައިވާކަމަށެވެ. މީގެ އިތުރުން ކުޑަފަރި ސިއްހީމަރުކަޒު މަރާމާތު ކުރެވި އާސަންދައިގެ ދަށުން ބޭސް ލިބޭނެ އެސްޓީއޯގެ ފާމަސީއެއްވެސް މި ރަށުގައި ޤާއިމް ކުރެވިފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑު ކުޑަފަރި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ވެފައިވާ ވައުދު ތަކާއި، ފުއްދާފައިވާ ވައުދުތައް އަޅާކިޔާލާށޭ، އަޅުގަނޑު ވެފައިވާ ވައުދުތައް ފުއްދަމުންދާތަން ލޮލަށް ފެންނަން ހުންނާނެޔޭ"
ފާއިތުވި ދެއަހަރާއި ބައިގެ ތެރޭގައި ނ އަތޮޅަށް އައިސްފައިވާ ތަރައްޤީ އަކީ ނ އަތޮޅަށް މިހާތަނަށް އައިސްފައިނުވާވަރުގެ ބޮޑު ތަރައްޤީ އެއްކަމަށް މެންބަރު ވިދާޅުވިއެވެ.
"ވަގުތު" ގެ ފަރާތުން ނ.އަތޮޅަށް ކުރަމުންދާ ހޭރިޔާ ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމް ޕާޓްނަރ އަކީ އުރީދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ