އަގީދާ ވަރުގަދަ ކުރުމަށް މައުމޫން ގޮވާލައްވައިފި

އެކި ބާވަތުގެ ގޮންޖެހުންތައް ގައުމަށް ދިމާވެފައިވާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އަމިއްލަ ވަންތަކަމާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އޮތް އެންމެ ބާރުގަދަ ވަސީލަތަކީ އިސްލާމީ އަގީދާ ރައްކާތެރިކޮށް ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި 23 ޑިސެމްބަރުގެ އިއްތިހާދުން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ޖަލްސާ އަށް ފޮނުއްވި ހިތާބެއްގަ އެވެ.
ދުނިޔޭގައި ހިނގަމުންދާ ސިޔާސީ އޮއިވަރުގައި ރާއްޖެ ނުޖެހި އަމިއްލަ ވަންތަކަން ދަމަހައްޓަމުން އަންނަ ގައުމެއްގެ ގޮތުގައި އޮތުމުގެ ސިއްރަކީ ވެސް އިސްލާމް ދީން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ހުރިހާ ޒަމާނެއްގައި ވެސް ދުނިޔޭގައި ހިނގަމުންދާ ސިޔާސީ އޮއިވަރުތަކަށް ހުށަހެޅިފައިވާ މިކުޑަކުޑަ އަދި މީސްކޮޅު މަދު ޖަޒީރާ ގައުމަށް މާތް ﷲގެ ވާގިފުޅާ އެކު އަމިއްލަ ވަންތަކަން ލިބިފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ކުޅަދާނަކަން ލިބިފައިވުމުގެ ސިއްރަކީ އިސްލާމީ އަގީދާކަން ކަށަވަރު." އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އަދި އެ މަތިވެރި އަގީދާ ސާބިތުކަމާ އެކު ބިންވަޅުނެގިފައި ނުވާކަމުގައިވާ ނަމަ އަދި އެ އަގީދާއަކީ ދިވެހި ވަންތަކަމާއި ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު ބިންގާ ކަމުގައި ދިވެހި ރައްޔިތުން ނުދެކޭ ނަމަ ދުނިޔޭގެ ހަލަބޮލި ސިޔާސީ ރާޅުތަކުގެ ތެރޭގައި ރާއްޖެ ނޯތީސް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު ވެސް އެކަމަށް މެދުވެރިވެފައި ވަނީ ރާއްޖޭގެ ބަޔަކު ޣައިރު ދީނަށް އެނބުރިގެން ގޮސް ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ބަދަލުވެގެން ދިއުމުން ކަމަށެވެ.
އަދި މައުމޫން ވިދާޅުވީ ގައުމީ ދުވަހަކީ އެންމެންގެ މެދުގައި އޮތް އިސްލާމީ އަހުވަންތަކަމާއި އެއްބަނޑު އެއްބަފާކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ދުވަސްކަމަށާއި ގައުމުގެ އެންމެ މަތީ މަސްލަހަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަމާއި ދިވެހިވަންތަ ކަމުގެ ޝުއޫރު ވަރުގަދަ ކުރުމުގެ މައްޗަށް ކަމަށެވެ.
އެ މަނިކުފާނު އެ ބަޔާން ފޮނުވައިފައި ވަނީ އެ މަނިކުފާންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭސް ފަރުވާ އަކަށް ރާއްޖެ އިން ބޭރުގައި ހުންނަވައިގެންނެވެ. ރޭގެ ޖަލްސާގައި އެ ބަޔާން އިއްވައި ދެއްވީ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ