ރާމާ މަކުނުގެ އާއިލާގެ ޗިމްޕަންޒީ އަށް އިންސާނީ ޙައްޤުތައް ހޯދަން އެމެރިކާގެ ނިއުޔޯކްގެ ސްޕުރީމް ކޯޓަށް ވެއްދި މައްސަލައެއް ނާކާމިޔާބުވެއްޖެ އެވެ.
ޖަނަވާރުތަކުގެ ޙައްޤުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމާއަތަކުން މިމައްސަލަ ނިއުޔޯކްގެ ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ކުރިން ދަށު ކޯޓު ތަކުން ވެސް ޗިމްޕަންޒީ އަށް އިންސާނީ ޙައްޤުތައް ދޭން ނުޖެހޭނެ ކަމަށް ޙުކުމް ކޮށްފައި ވާތީއެވެ.
ޗިމްޕަންޒީ އަކީ އާދަޔާ ހިލާފަށް ވިސްނުންތޫނު ޖަނަވާރެއް ކަމަށް ބުނެ މިމައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ވަކާލާތު ކޮށްފައި ވަނީ އިންސާނީ ހުރިހާ ޙައްޤެއް ޗިމްޕަންޒީ އަށް ވެސް ހޯދައިދޭން ޖެހޭނެ ކަމަށް ބުނެއެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބާބަރާ އިއްވެވި ޙުކުމުގައި ވިދާޅުވެފައި ވަނީ ޗިމްޕަންޒީ އަކީ އަދި ރާމާމަކުގެ އާއިލާ އަށް ނިސްބަތްވާ އެއްޗެއްސަކީ ބައިލޮޖިކަލީ އިންސާނެއް ނޫންކަމަށް މައްސަލަ ހުށަހެޅި ޖަމިއްޔާ އިން ވެސް ކޯޓުގައި އިއުތިރާފު ވެފައިވާ ކަމަށާއި އެހެން ކަމުން އިންސާނީ ޙައްޤުތައް ރާމާމަކުނަށް ދޭން ޖެހޭނެ ޤާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.
ބާބަރާ ވިދާޅުވީ ރާމާމަކުނަށް އިންސާނީ ޙައްޤުތައް ލިބޭނެ ކޮންމެވެސް ދުވަހެއް އަދި ދުނިޔެއަށް އައިސްދާނެ ކަމަށާއި ނަމަވެސް މިއަދުގެ ހާލަތު އޮތް ގޮތުން އެޙައްޤު ދެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ ޙައްޤެއް ވެސް ދެވޭނީ އެޙައްޤާއި އެކު އުފުލަން ޖެހޭ ޒިންމާތައް އުފުލާނަމަ ކަމަށާއި ރާމާމަކުނަށް އިންސާނީ ޙައްޤުތައް ދިނުމުން އެއާއިއެކު ރާމާމަކުނު އުފުލަން ޖެހޭ ޤާނޫނީ ޒިންމާތައް ރާމާމަކުނު އުފުލާނެކަން މައްސަލަ ހުށަހެޅި ފަރާތައް ކޯޓުގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
އިންސާނީ ޙައްޤުތައް ރާމާމަކުނަށް ދޭން ނުޖެހޭނެ ކަމަށް ނިއުޔޯކް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ