ކޯޓުތަކާއި ކޯޓު ވަށައިގެންވާ ސަރަހައްދުތަކުގައި އެއްވެ އުޅުމަކީ ގާނޫނީ ކުށެއް: ހައި ކޯޓު

ހަސަން މުހައްމަދު
އާދަމް ހަލީމް
ތިމަރަފުށީ ދާއިރާގެ ވޯޓުގެ މައްސަލައިގައި ހައި ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް އަވަހަށް ނިންމައިދިނުމަށް އެދި އެ ކޯޓު ކައިރިއަށް ބަޔަކު މީހުން އެއްވުމާ ގުޅިންގެން، ޝަރުއީ ކޯޓުތަކާއި އެ ކޯޓުތައް ވަށައިގެންވާ ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ހައި ކޯޓުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއްވެ އުޅުމާ ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގައި ޝަރުއީ ކޯޓުތަކާއި އެ ކޯޓުތައް ވަށައިގެންވާ ސަރަހައްދުތަކުގައި އެއްވެސް ބަވާތެއްގެ އެއްވުމެއް ބޭއްވުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށް ސާފު ބަހުން ބުނެފައިވާ ކަމަށެވެ. އަދި ބަޔަކު މީހުން އެ ކޯޓު ކައިރިއަށް އެއްވެ، އަޑުގަދަ ކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ހުތުރު ބަހުން މުހާތަބު ކުރުމަކީ އެ ކޯޓުން "އިންތިހާ ދަރަޖަ އަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް" ކަމަށެވެ.
ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދިނުމަށާއި އެ ތަންތަނަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރާ ތަންތަނަށް ހެދުމަށްޓަކައި ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުވެ ތިބި އެންމެހާ ފަރާތްތަކުން ކޯޓުތަކަށް އެހީތެރިވާން ވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ރ. ގައި ބުނެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޯޓުގައި ހިނގަމުންދާ ޝަރީއަތަކަށް ހުރަސްއެޅުމާއި ހުރަސް އެޅުމަށް މަސައްކަތް ކުރުމާއި ކޯޓުގެ ފަނޑިޔާރުން ނުވަތަ މުވައްޒަފަކަށް ނަމަވެސް އިހާނެތި ބަހެއް ބުނުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކޯޓަށް ނިސްބަތްވާ ގޮތަށް ކޯޓު ތެރޭގަ އާއި ކޯޓުން ބޭރުގައި ކޯޓަށް ރައްދުވާ ގޮތަށް އެއްޗެއް ބުނުމަކީ ނުވަތަ ލިޔުމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
" ... ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން އަދުލް އިންސާފު ގާއިމު ކުރުމަށްޓަކައި އުފެދިފައިވާ ކޯޓުތަކާއި އެ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އަދާކުރަމުންދާ ގައުމީ ވާޖިބަށް ހުރަސްއެޅުމަކީ ދިވެހި ގައުމާއި ދިވެހި ގައުމު ބަލައިގެންފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފަށް ހިންގޭ ނާތަހުޒީބު ކުށުގެ އަމަލަކަށް ވާތީ އަދުލް އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިދާ ފަދަ މިފަދަ ކޮންމެ އަމަލެއް ދިވެހިރާއްގެ ހައި ކޯޓުން އިންތިހާ ދަރަޖަ އަށް ކުށްވެރި ކުރަމެވެ،" ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ރ. ގައިވާ ގޮތަށް ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށްދީ ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދިނުމުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށާއި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް ފަހިވާން ޖެހޭ "އިސްލާމީ އަދި ދިމިގްރާތީ އަގުތަކާއި ބަހާތައް ރައްކާތެރި ކުރުން މަތީ ދެމިތިބުމަށް" ދައުލަތުގެ އިދާރާތަކަށާއި ދައުލަތުގެ ކަންކަން ހިންގުމަށް ހަވާލުވެ ތިބި ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ، ޝަރުއީ ކޯޓުތަކުގެ މިނިވަން ކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އެ ކޮމިޝަނުން ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ކޯޓުތައް ހަރަކާތްތެރިވަމުންދާއިރު އެތަންތާނގެ މިނިވަން ކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ސިޔާސީ ގޮތުން ގައުމުގެ ކަންތައްތައް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް މިނިވަން ކަމާއި ހަމަހަމަ ކަމާއެކު ކުރިޔަށް ގެންދިއުމުގައި ގާނޫނު އަސާސީން ލިބިދޭ ކަންކަން ފުރިހަމަ ކުރުމުގައި އެންމެންގެ އެއްބާރުލުން ލިބިގެން ނޫނީ ގައުމުގެ ހާލަތު ހަމަޖެހޭ މިސްރާބަށް ނުގެންދެވޭނެ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ހައި ކޯޓު ކައިރި އަށް އެއްވެފައިތިބ މީހުން ކޯޓުގެ ބައެއް މުވައްޒަފުން ބޭރަށް ނުކުތް ވަގުތު އެ މުވައްޒަފުންނާ ދިމާލަށް ވެސް އެއްޗެހި ގޮވާފައި ވެއެވެ. އަދި ކޯޓު ބޭރުގައި ތިބެގެން ހައި ކޯޓުގެ ފަނޑިޔާރުންނާ ދިމާލަށް ވެސް އެމީހުން އެއްޗެހި ގޮވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ