ޑޮލަރުގެ މައްސަލައިގައި ގަވަރުނަރު މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި

ޑޮލަރުގެ މައްސަލައާ ގުޅިގެން އިގްތިސާދަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ގަވަރުނަރު ފަޒީލް އެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި ކަމަށެވެ. އަދި އޭނާ ހާޒިރުކުރާނެ ދުވަހެއް މިއަދު މެންދުރުފަހު އޮންނަ ބައްދަލުވުމުގައި ނިންމާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ދާދިފަހުން އެމްއެމްއޭއިން މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ސިޓީއަކާ ގުޅިގެން މެމްބަރުން ބޭނުން ވަނީ އިތުރަށް ކަންތައްތަކެއް ސާފުކުރަން. އެންމެ ބޮޑަށް އޮޅުންފިލުވަން ބޭނުން ވަނީ ޑޮލަރުގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެމްއޭ އިން މާލިއްޔަތު ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތަކާ މެދު މެމްބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން ކަމާ ގުޅޭ ގޮތުން މިއަދު ވެސް ކޮމިޓީގައި މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީ އަށް އެމްއެމްއޭއިން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި 1.6 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބިފައި ވަނީ 3.5 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތުން 5.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އޭގެ ތެރެއިން ދައުލަތުގެ ރިކަރަންޓް ހަރަދު ނުވަތަ ހިންގުމުގެ ހަރަދު ވަނީ 4.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
އެމްއެމްއޭއިން ބުނެފައި ވަނީ ޑޮލަރުގެ މައްސަލަ 2008 އިން ފެށިގެން ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޑޮލަރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، ދައުލަތުގެ ހަރަދު ކުޑަކޮށްގެން ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ