މީހުން އާބާދުވާއިރު، މާމެންދޫގައި ކަރަންޓް ނެތުމުގެ ޝަކުވާ އިތުރުވާން ފަށައިފި

ސ. ހިތަދޫގައި އަލަށް އާބާދުވުމަށް ގޯތި ދޫކޮށްފައިވާ މާމެންދޫ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކުން ގެ އިމާރާތްކޮށް، އެތަންތަނަށް ދިރިއުޅުން ބަދަލު ކުރުމަށް ތައްޔާރުވަމުން އަންނައިރު އެ ސަރަހައްދަށް އަދިވެސް ކަރަންޓް ނުލިބޭތީ އެކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.
މާމެންދޫ ސަރަހައްދުން 1،093 ގޯތި ދޫކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ ގޯތިތަކުގައި ގެ އިމާރާތްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެ ސަރަހައްދުގައި މިހާރު ގިނަ އަދަދެއްގެ ގެތައް ރާނައި ނިމެން ތައްޔާރުވަމުން އަންނައިރު ކަރަންޓްގެ ހިދުމަތް ލިބެން ނެތުމަކީ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުކުރަން ޖެހިފައިވާ ކަމެއް ކަމަށް ގޯތި ލިބުނު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ ދިހަ ވަރަކަށް އަހަރު ކުރިން ގޯތި ދޫކޮށްފައިވާ މާމެންދޫން ގޯތި ލިބުނު ފަރާތްތަކާ ގޯތި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެސަރަހައްދުން ދޫކޮށްފައި ވަނީ 3،000 އަކަފޫޓުގެ ގޯއްޗެވެ.
"ގޯތި ހަވާލު ކުރި ދުވަހުން ފެށިގެން ގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން މިއަންނަނީ. އެހެންނަމަވެސް އެ ސަރަހައްދުގައި ކަރަންޓް ނެތުމަކީ ވަރަށް ބޮޑު ދައްޗެއް. އަޅުގަނޑުމެން ގެތައް އަޅައިގެން ދިރިއުޅެން ފަށާއިރު ކަރަންޓްގެ ހިދުމަތަކީ ކޮންމެހެން ވެސް ލިބެން ޖެހޭ ހިދުމަތެއް،" އެއްހާސް އަކަފޫޓުގައި ދެ ބުރިއަށް ގެ އަޅަމުން އަންނަ މީހަކު ބުންޏެވެ.
އޭނާ ބުނީ މިހާރު އިމާރާތް ކުރަމުން އަންނަ ގެ ނިމުމުން ކުއްޔަށް ދޭނީ ކަމަށާއި ގޯތީގައި ބާކީ އޮތް ސަރަހައްދުގައި ވެސް އިތުރު ގެއެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރުން މިހާރަށް ވެސް ކަރަންޓްގެ ހިދުމަތް އެ ސަރަހައްދަށް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް ގޯތީގައި އިމާރާތް ކުރަމުން އަންނަ މީހުން ބުނެ އެވެ.
މިކަމާ ބެހޭ ގޮތުން ހިތަދޫ އޮފީހުން މިއަދު ބުނީ މާމެންދު އަށް ކަރަންޓް ލުމަށް އެސަރަހައްދުގައި ޓްރާންސްފޯމަރު ބަހައްޓާނެ ތަންތަން ވެސް މިހާރު ކަނޑަޅައިފައިވާ ކަމަށެވެ.
"އެހެންވީމާ އެކަންތައް ކުރިއަށް ގެންދާނީ ސްޓެލްކޯގެ ފަރާތުން. އަޅުގަނޑުމެން މިހާރު ވަނީ އެސަރަހައްދުގައި ދެ ޓްރާންސްފޯމަރެއް ބަހައްޓާން ތަންތަން ވެސް ކަނޑައަޅައިފައި،" ހިތަދޫ ބޮޑު ކަތީބު ހަސަން ލަތީފު ވިދާޅުވި އެވެ.
ހިތަދޫ ސަރަހައްދީ އިންޖީނުގެ އިސްވެރިއަކަށް ގުޅާލުމުން މިއަދު ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ދޭނީ މާލޭގައި ހުންނަ ހެޑް އޮފީހުން ކަމަށެވެ. އެހެންނަމަވެސް ނޫސް ޗާޕަށް ދިޔަ އިރު ވެސް ސްޓެލްކޯ ހެޑް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ